Last Updated: June 8, 12:02
Monday, June 8, 2026
ރިޕޯޓް

އުމުރުން ދުވަސްވީ މީހުން ވެސް ހުޅުމާލެ އަށް

އުމުރުން ދުވަސްވީ ފަރާތްތަކުން ދަރިންނާއި އެކުގައި ހުޅުމާލެއަށް ބަދަލުވުމުގެ ވިސްނުން ގެންގުޅުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ޚިދުމަތްތެރި ދޮށީ އުމުރުގެ މީހުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ދަރިންނާއި އެކުގައި ހުޅުމާލެއަށް ބަދަލުވުމުގެ ފިކުރު ކޮންމެސް ހިސާބަކުން ގެންގުޅެން ޖެހޭކަމަށެވެ. މީގެ އިތުރުން ހުޅުމާލެއަކީ ހަމައެކަނި ޒުވާނުންގެ ސިޓީއެއް ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ހުޅުމާލެއަކީ މާލެއަށް ވުރެ ތަނަވަސް އަދި ހިތްފަސޭހަ ތަނަކަށް ވެގެންދާނެ ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެއް ދިރިއުޅެމުން އައި ވަޒަން ދޫކޮށްލާފައި އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރުމަކީ ފަސޭހަ ކަމަކަށް ނުވިޔަސް އުމުރުން ދޮށީ ފަރާތްތައް އުޅެންޖެހޭނީ ފަސޭހަ އާއި އަރާމުގައި ކަމުން، ހުޅުމާލެ ފަދަ ތަނަކަށް ބަދަލުވުމުން ދޮށީ އުމުރުގެ ބޭފުޅުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ލިބިގެންދާނެ ކަމަށާއި، އަދި އޭރުން ސަރުކާރާއި ރައްޔިތުންގެ މެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރުމުގެ ވިސްނުން ގެންގުޅުމުގެ ވާހަކަ ދެއްކެވި ނަމަވެސް ރާއްޖޭގެ އެހެނިހެން އަތޮޅުތަކުގެ ރަށްތަކުގެ މަތިން ހަނދާން ނައްތަވާނުލައްވާނެ ކަމަށެވެ. އެގޮތުން އަތޮޅުތެރޭގެ ތަރައްގީއަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށާއި، އަތޮޅުތަކުގެ ތަރައްގީއަށް ވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.