މާލެ ސަރަހައްދުން ބިންތަކެއް ހިލޭ ބަހާލީ ރިޝްވަތެއްގެ ގޮތުގައި ކަމަށާއި، މާލެއަށް މީހުން ގެނައުމުގެ ބަދަލުގައި ރާއްޖޭގެ އެހެން ކަންކޮޅުތައް ތަރައްގީ ކުރަންޖެހޭ ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމާ ގުޅިގެން ސަންގު ޓީވީން ބޭއްވި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ބޯހިޔާވަހިކަމުގެ ސިޔާސަތު ހާމަކުރައްވަމުން ފާރިސް ވިދާޅުވީ ރާއްޖޭގައި ބޯހިޔާވަހިކަމުގައި ދިމާވެފައި އޮތް މައްސަލައަކީ އެއްވެސް ރޭވުންތެރިކަމެއް ވިސްނުންތެރިމެއް ނެތި ސޯޝަލް ހައުސިން، ކޮމާޝަލް ހައުސިން ފަދަ އެއްޗެއްހި އެއްވެފަ ހުރުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހެޔޮ އަގެއްގައި އެފަދަ ތަންތަނަށް ވަދެވޭނެ ގޮތް ނެތީ ކަމަށެވެ.
"ދެން އަޅުގަނޑުމެން ބަހަނީ މި ހިލޭ، އަޅުގަނޑު ދަންނަވާނީ ރިޝްވަތެއްގެ ގޮތުގައި ބިންތަކެއް. ބިންތަކެއް ބެހީމަ އަނެއްކާވެސް ސީދާ މާލެ ސަރަހައްދަށް ހުރިހާ އެންމެން އަންނަން ޑިމާންޑް މި ކްރިއޭޓް ކުރަނީ. ދެން ހުރިހާ ބޭފުޅުން މި ވިދާޅުވަނީ އެތަންތަން ހަދާނެ ގޮތެއް ހޯދައިދޭނަމޭ. އަޅުގަނޑުގެ ބެނުމަކީ ރާއްޖޭގެ އެހެން ކަންކޮޅުތައް ތަރައްގީ ކުރުން." ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ އޭނާ ވައުދުވަނީ ރާއްޖޭގެ އެހެން ސިޓީތަކާއި ރީޖަންތައް މީހުން ދިރިއުޅެވޭނެ ހާލަތަށް ތަރައްގީ ކުރުން ކަމަށެވެ. އަދި އެމީހުން ބޭނުންވާ ވަޒީފާގެ ފުރުސަތުތައް، ސިއްހީ އަދި އިލްމީ ފުރުސަތުތައް އެތަންތަނުން ފަހިކޮށްދިނުން ކަމަށެވެ. ފާރިސް ވިދާޅުވީ މިކަންކަން ކުރުމަށް ނެޝަނަލް ޓްރަސްޓް ފަންޑެއް ގާއިމު ކުރާނެ ކަމަށާއި އޭގެ ތެރެއިން ލުއި ލޯނު ދެވޭނެ ގޮތް ހަދައިދޭނެ ކަމަށެވެ. ފާރިސް ވިދާޅުވީ އޭނޭގެ ވެރިކަމުގައި މިގޮތަށް ރާއްޖެ ތަރައްގީ ކުރާނީ އެކުލަވާލާ ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއްގެ ދަށުން ކަމަށެވެ. އެ ޕްލޭން އެކުލަވާލާނީ އެންމެންގެ ހިޔާލު ހޯދައިގެން ކަމަށާއި އަދި އެ ޕްލޭން އެކުލަވާލުމަށް ދުވަސް ނަގާނެ ކަމަށެވެ. އެ ނެޝަނަލް ޑިވަލޮޕްމަންޓް ޕްލޭން ވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްކުރެވޭ ޕްލޭނަކަށް ކަމަށް ފާރިސް ވިދާޅުވިއެވެ.
މީގެއިތުރުން ފާރިސް ވިދާޅުވީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި މީހުން ދިރިއުޅޭނެ ހާލަތެއް އުފައްދަންޖެހޭ ކަމަށާއި އެއީ ސަރުކާރެއްގެ ޒިންމާއެއް ކަމަށެވެ.
"ރާއްޖޭގަ ވަކި މާލޭ ރައްޔިތެއް ކިޔާއެއްޗެއް ނޯންނާނެ. ޤާނޫނުއަސާސީގެ 41 ވަނަ މާއްދާ ވަރަށް ސާފު، ދިވެހި ރަށްރަށުގައި ރަށްވެހިން ތިބޭނީ. ރަށުގެ ރައްޔިތުންނެއް ނޫންތިބޭނެ. އެހެންމަ ވަކި ރަށަކަށް ނިސްބަތްކޮށް ތި އޮންނަ ވިސްނުން ތަންކޮޅެއް ތަރައްގީ ކުރަންޖެހޭ." ފާރިސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ ސިޔާސަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފާރިސް އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުން ދޫކުރި ގޯތިތައް 4 ބުރިއަށް ހެދިނަމަވެސް 100،000 އަށްވުރެއް ގިނަ ހައުސިން ޔުނިޓް އިތުރުވާ ކަމަށެވެ. އެކަމުގެ ސަބަބުން މީހުން މާލެއަށް މީހުން އިތުރަށް ޖަމާވާނެ ކަމަށް ވިދާޅުވިއެވެ. ފާރިސް ވިދާޅުވީ ޚަރަދު ކުރަންވީ މާލެ ސަރަހައްދު އިތުރަށް ތަރައްގީ ކުރަން ނޫން ކަމަށާއި، ޚަރަދު ކުރަންވީ ރާއްޖެގެ އެހެން ސަރަހައްދުތައް ތަރައްގީ ކުރަންކަމަށެވެ. ރާއްޖޭގައި ބިން ބޮޑެތި އެހެން ސަރަހައްދުތައް އަދި ސިޓީތައް ހުރިކަން ފާހަގަކޮށް ފާރިސް ވިދާޅުވީ ޚަރަދު ކުރަންވީ އެތަންތަނުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ.