މާލީ މައްސަލަތަކެއްގެ ތެރެއަށް ވެއްޓި މީގެ ހަތަރު އަހަރު ކުރިން ހިދުމަތް މެދުކަނޑާފައި އޮތް އިންޑިއާގެ ޖެޓް އެއާވޭސްގެ ވެރިޔާ ނަރޭޝް ގޯޔަލް ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ބުނީ ބޭންކުން ނަގާފައިވާ ލޯނުތައް ނުދެއްކުމާއި މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑްރިން ފަދަ މައްސަލަތަކާ ގުޅިގެން ނަރޭޝް ހައްޔަރުކުރީ އިއްޔެ މުމްބާއީން ކަމަށެވެ. އިންޑިއާގެ އެންފޯސްމަންޓް ޑިރޮކްޓަރޭޓް (އީޑީ) އިން މިހާރު އަންނަނީ ނަރޭޝްއާ ގުޅުން ހުރި 65 މިލިއަން ޑޮލަރުގެ މަނީ ލޯންޑްރިންގެ މައްސަލައެއް ތަހުގީގު ކުރަމުންނެވެ.
އަދި އެ މައްސަލައިގެ ތަހުގީގު ނިމެންދަން 74 އަހަރުގެ ވިޔަފާވެރިޔާ ހުރީ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދިފައިވެ އެވެ. އޭނަގެ ބަންދަށް މި މަހުގެ 11 ހަމައަށް މިހާރު ކޯޓުން ވަނީ މުއްދަތު ޖަހައި ދީފަ އެވެ.
ނަރޭޝް އާއި އޭނަގެ އަންހެނުން އަނީތާ ގޯޔަލްގެ ނަމުގައި ޖެޓް އެއާވޭސް އަށް ބެންގަލޯރްގެ ކަނާރާ ބޭންކުން 102.6 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ އިރު، އެ ލޯނުގެ ތެރެއިން 65 މިލިއަން ޑޮލަރު އޮތީ ނުދައްކަ އެވެ. އަދި ފައިސާ ދެމަފިރިންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް، އަމިއްލަ ހަރަދުތައްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ޖެޓް އެއާވޭސް އަކީ މީގެ 31 އަހަރު ކުރިން ވުޖޫދަށް އައި އެއާލައިނެވެ. އޭގެ އޮޕަރޭޝަންތައް ފެށީ މެއި 5، 1993 ގަ އެވެ. ޖެޓް އެއާވޭސްގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އައީ އެޕްރީލް 17، 2019 ގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖެޓް އެއާވޭސްގެ ވެރިޔާ ހައްޔަރުކުރި އިރު، މި އަހަރުގެ ފަހުކޮޅު އެއާލައިންގެ އޮޕަރޭޝަންތައް އަލުން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.