Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ކެރިއަރުގެ އެއްވެސް ކަމަކާ ޝަކުވާއެއް ނެތް

ބޮލީވުޑްގެ އެންމެ ގަދަ 10 ބަތަލާއިންގެ ތެރޭގައި އެއްވެސް އިރެއްގައި ނުހިމެނުނަސް އަމިއްލަ ކެރިއަރާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެކަމާ އެެއްވެސް ޝަކުވާއެއް ވެސް ނެތް ކަމަށް ބަތަލާ ޝިލްޕާ ޝެޓީ ބުނެފި އެވެ.

މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެންނަ 48 އަހަރުގެ ބަތަލާ އީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް ކަމަށާއި އެންމެ އުފާވާ ކަމަކީ އަބަދު ވެސް މަސައްކަތުގެ ތެރޭގައި އުޅެވޭތީ ކަމަށެވެ. ޝިލްޕާ ބުނި ގޮތުގައި އޭނަގެ އެންމެ ރަންޒަމާނުގައި ވެސް އެންމެ ގަދަ 10 ބަތަލާއިންގެ ތެރޭގައި ނުހިމެނޭ ކަމަށާއި އެކަމާ ކަންބޮޑުވެގެން ވެސް ނޫޅޭ ކަމަށެވެ.

"އުފާވަނީ ބެލުންތެރިން އަހަރެން ބަލައިގަނެ ލޯބިދޭތީ. ފަހަރުގައި ފިލްމީ ކެރިއަރަށް ބަލައިފި ނަމަ އެންމެ ގަދަ ދިހަ ބަތަލާއިންގެ ތެރޭގައި އަހަރެން ނުހިމެނޭ ސަބަބަކަށް ވެދާނެ ފުރުސަތުތައް ލިބޭލެއް މަދުވުން." ދެ ކުދިންގެ މަންމަ ބުންޏެވެ.

ޝިލްޕާ ބޮލީވުޑަށް ނުކުތީ ޝާހްރުކް ޚާންގެ 1993 ގެ ފިލްމު "ބާޒީގަރު" އިންނެވެ. އޭގެ ފަހުން އޭނަގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 2000 ވަނަ އަހަރުގެ "ދަޅުކަން" އެވެ. ޝިލްޕާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ނިކައްމާ" އެވެ.

ބޮލީވުޑްގެ އެންމެ ފިޓް އަދި އެންމެ ޗާލު ބައްޓަމެއް ލިބިފައިވާ ބަތަލާއިންގެ ތެރޭގައި ހިމެނޭ ޝިލްޕާގެ ކުރިއަށް ހުރި ޕްރޮޖެކްޓްކުގެ ތެރޭގައި ފިލްމު "ސުކީ" އާއި ކަންނާޑާ ފިލްމު "ކޭޑީ" ގެ އިތުރުން އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ހިމެނެ އެވެ.

ފިލްމީ މަސައްކަތްތަކަޑް ވުރެ ބޮޑަށް ޝިލްޕާ މި ފަހުން ފެންނަނީ އެކިއެކި ޓީވީ ޝޯތަކުގެ ޖަޖެއްގެ ގޮތުގަ އެވެ. އެގޮތުން މިހާރު ވެސް އޭނަ އަކީ ސޮނީ ޓީވީން ދައްކަމުން އަންނަ އިންޑިއާ ގޮޓް ޓެލެންޓް (އައިޖީޓީ) ސީޒަން 11 ގެ ޖަޖެކެވެ. ޝިލްޕާ އަކީ އަމިއްލަ ބައެއް ވިޔަފާރި ވެސް ހިންގަމުން އަންނަ ތަރިއެކެވެ. އޭގެ ތެރޭގައި ވެލްނެސް ސެންޓަރާއި ރެސްޓޯރަންޓް ހިމެނެ އެވެ. އަދި އެހެން ބައެއް ވިޔަފާރިތަކަށް ވެސް އޭނަ އިންވެސްޓްކޮށްފައިވެ އެވެ.