Last Updated: July 15, 16:49
Wednesday, July 15, 2026
ޚަބަރު

މަރަދޫ ދަނޑު މަރާމާތު ކުރަން ބީލަމަަށް

ޓާފް އަޅައިގެން ހަދާފައި އޮތް އައްޑޫ މަރަދޫ ފުޓްބޯޅަ ދަނޑު ރަސްމީކޮށް ނުހުޅުވަނީސް އެ ދަނޑު މަރާމާތުކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން މި މަހުގެ 6 ގެ މެންދުރު ފަހު 2:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ. ރަޖިސްޓްރީވާނީ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި އީމެއިލަށް ފޮނުވައިގެންނެވެ.

ކައުންސިލުން ބުނީ މަރަދޫ ދަނޑު މަރާމާތުކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދޭން މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 11:00 ކައުންސިލް އިދާރާގައި އޮންނާނެ ކަމަށެވެ. އެ ސެޝަންގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއް ނުވޭނެ އެވެ.

މަރަދޫ ބޮޑުމަގުގައި ވަށައި ފާރު ރާނައި ފެންސް ޖަހައި އަދި "ވެންބޮޅޮފޮށި ސްޓޭޑިއަމް" ގެ ނަމުގައި ބޭނުން ކުރަމުން އައި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތްކޮށްފައި ވަނީ ސާރިއާ އިންވެސްޓްމަންޓުންނެވެ. ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. އަދި މަސައްކަތް ނިންމައި ކައުންސިލާ ދަނޑު ހަވާލުކުރީ މިދިޔަ މެއި މަހުގެ ފަހުކޮޅު އެވެ.

ނަމަވެސް ދަނޑު ރަސްމީކޮށް ނުހުޅުވާތީ އެ އަވަށުގެ ޒުވާނުން ކަންބޮޑުވުން ފާޅުކުރަމުންދާތާ މިހާރު ގިނަ ދުވަސްތަކެއްވެއްޖެ އެވެ.