އޭނާގެ ވެރިކަމުގައި ރާއްޖެއަށް އިގްތިސާދީ އިންގިލާބެއް ގެންނާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓުގައި އިންތިހާބުގައި ވާދަކުރައްވާ މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމާ ގުޅިގެން ސަންގު ޓީވީން ބޭއްވި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އޭނާ ކުރެއްވީ ޤައުމީ މަސައްކަތެއް ކަމަށެވެ.
އޭނާއަކީ އެއްވެސް ހާލެއްގައި ސަރުކާރު ބަދަލު ކުރުމުގެ ވިސްނުން ހުރި މީހެއް ނޫން ކަމަށާއި މަސައްކަތް ކުރައްވަނީ ކުރިއެރުމާއި ތަރައްގީއަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށެވެ. އެގޮތުން ބޭސްފަރުވާ އަށް ސަލާން ޖެހުން ނިމުމަކަށް ގެނައުން، ބޭރުގެ ސިފައިން ރާއްޖެއިން ބޭލުން، ޒުވާނުންނަށް ފަސޭހައިން ވަޒީފާ ލިބޭނެ މަގު ތަނަވަސްކޮށްދިނުން އަދި ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ނާޒިމް ވިދާޅުވީ ދިވެހިން އެދޭ އުޖާލާ ޒަމާނަކަށް ގެންދިޔުމުގެ ބާރު ހޯދައި ދޭނެ ކަމަށެވެ. އެކަން ކޮށްދިނުމަށްޓަކައި އޭނާއަށް އިތުބާރު ކުރައްވައި 9 ސެޕްޓެމްބަރުގައި ނުކުމެވަޑައިގެން ވޯޓު ދެއްވުމަށް ނާޒިމް އެދިވަޑައިގަތެވެ.