އިންޑިއާގައި މިހާރު ބޮޑު މަގުބޫލު ކަމެއް ހޯދަމުން އަންނަ އާ ބިއުޓީ ބްރޭންޑް، "ޓީރާ" އިޝްތިހާރުކުރަން ތިން ބަތަލާއަކު ހަމަޖައްސައި، އެ މީހުންނާ އެކި ޕްރޮމޯޝަނަލް ވީޑިއޯތަކެއް ދައްކާލައިފި އެވެ.
މި ތިން ބަތަލާއިންނަކީ ކަރީނާ ކަޕޫރާއި ކިއާރާ އަދުވާނީގެ އިތުރުން ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާނެވެ. ސުހާނާގެ ފިލްމީ ދުނިޔެ އަށް ތައާރަފުވާނީ މި އަހަރުގެ ޑިސެމްބަރު 7 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާ "ދި އާޗީސް" އިންނެވެ. ސުހާނާ އަކީ އެމެރިކާގެ މޭކަޕް ބްރޭންޑް، މެބެލިންގެ ބްރޭންޑް އެމްބެސެޑަރެއް ވެސް މެ އެވެ.
ކަރީނާއާ އެކީ ޕްރޮފެޝަނަލް މަސައްކަތެއްގައި ސުހާނާ ހިއްސާވާން ފެށި އިރު، އޭނަގެ ބައްޕަ ޝާހްރުކާ އެކީ ކަރީނާ ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ރާ.ވަން" އަދި "އަސޯކާ" ހިމެނެ އެވެ.
"ޓީރާ" އިޝްތިހާރުކުރަން ހަމަޖެއްސި ބަތަލާއިންގެ ތެރޭގައި ހިމެނޭ ކިއާރާ އާއި ކަރީނާ ވެސް އެކީގައި ފިލްމެއް ކުޅެފައިވެ އެވެ. އެއީ 2019 ގެ "ގުޑް ނިއުސް" އެވެ. ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދެ ތަރިން ވަރަށް އަވަހަށް އެކީގައި އިތުރު ފިލްމެއްގެ މަސައްކަތް ވެސް ފަށާނެ އެވެ.
"ޓީރާ" ބިއުޓީ އަކީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ރިލަޔަންސް އިންޓަސްޓްރީން ހިއްސާވާ ބްރޭންޑެކެވެ. އަދި މި ލޯންޗްކުރީ މި އަހަރުގެ އެޕްރީލްގަ އެވެ. "ޓީރާ" ގައި އެންމެ އިސްކޮށް ހިއްސާވަނީ އަމްބާނީގެ އަންހެން ދަރިފުޅު އީޝާ އަމްބާނިޮ އެވެ. އޭނަ އަކީ ރިލަޔަންސް އިންޑަސްޓްރީސްގެ ޑިރެކްޓަރެކެވެ.