ވެރިކަމުގައި އާމްދަނީ ހޯދަން ތަފާތު މަސައްކަތްތައް ކުރަން ވިސްނުމުގައި އެބަހުރި ކަމަށާއި، މިހާރު އޮތް ޓެކްސްގެ ނިޒާމު ބަދަލުކުރާނެ ކަމަށް ޖޭޕީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމާ ގުޅިގެން ސަންގު ޓީވީން ބޭއްވި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ އޭނާގެ ރިޔާސީ ދައުރެއްގައި އާމްދަނީ ހޯދުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރަން ވިސްނުމުގައި އެބަހުރި ކަމަށެވެ.
ޤާސިމް ވިދާޅުވީ މިހާރު ހުރި ޓެކްސްގެ ނިޒާމު ބަދަލުކުރާނެ ކަމަށާއި، އެއް އުސޫލަކަށް ފައްތާލެވިގެން އެކަންކަން ކުރިޔަށްގެންދާނެ ކަމަށެވެ. އަދި ވެރިކަމުގައި އިތުރު ޓެކްސްއެއް ތައާރަފްކުރަން ނުވިސްނަވާ ކަމަށާއި މިހާރު ޓެކްސް ނަގާ ދާއިރާތަކުގައި ހުރި ކަންކަން ހާމަނައިޒްކުރާނެ ކަމަށް ވިދާޅުވިއެވެ. ސިއްހީ ދާއިރާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވި އޭނާގެ ވެރިކަމުގައި ހުރިހާ ފަރާތްތަކަށްވެސް އެކަމަށް އެދިގެން އަންނަ ފަރާތްތަކަށް ސިއްހީ ފަރުވާ ފަސޭހަކަމާއިއެކު ހަމަޖައްސައި ދޭނެ ކަމަށެވެ.
"މިހާރު އޮތް ގޮތަށް ބަލާއިރު ވަރަށް ތަކްލީފްތައް ބޮޑު ކަމެއް އެއީ. އެހެންވީމާ އަޅުގަނޑުމެން އެކަން ހާމަނައިޒްކޮށް އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުން އެކަން ހަމަޖެއްސޭނެ އުސޫލުތަކެއް ހަމަޖައްސާނަން." ޤާސިމް ވިދާޅުވިއެވެ.
މީގެއިތުރުން ޤާސިމް ވިދާޅުވީ ދުނިޔޭގެ މަތީފެންވަރުގެ ގައުމުތަކުން ބޭސް އެތެރެކުރެވޭނެ ގޮތަށް އުސޫލުބަދަލުކޮށް ގަވައިދުތައް ހަމަޖައްސައި ރާއްޖެ އެތެރެކުރެވޭނެ މަގުފަހިކޮށްދޭނެ ކަމަށެވެ.
ޤާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހާރިޖީ ސިޔާސަތު ބައްތަން ކުރާނީ ކުރީގެ ރައީސް އިބްރާހީމް ނާސިރު އަދި ކުރީގެ ރައީސް މައުމޫން ގެންގުޅުއްވި ވަކިއަތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތުކަމަށެވެ. އަދި 2026 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުން ދަރަނީގެ ގޮތުގައި ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރުގެ ތެރެއިން 600 މިލިއަން ޑޮލަރު ގްރާންޓް އެހީގެ ގޮތުގައި ހޯއްދަވާނެކަންވެސް ޤާސިމް ފާހަގަ ކުރެއްވިއެވެ.