Last Updated: May 17, 13:59
Friday, May 17, 2024
ޚަބަރު

މުއިއްޒު އެއްވެސް ބަޔަކަށް އިހުލާސްތެރިއެއް ނުވާނެ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އަކީ އެއްވެސް ބަޔަކަށް ތެދުވެރިވެ އިހްލާސްތެރިވާނެ މީހެއް ނޫން ކަމަށް އެމަނިކުފާންގެ ޅިޔަނު އަދި އެމްޑީއޭގެ ނައިބް ލީޑަރ އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންއަށް މާލޭގައި އަދާލަތު ޕާޓީން ހެދި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލީ މައުރޫފު ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒަކީ އެއްވެސް ތެދުވެރިކަމެއް ހުރި ބޭފުޅެއް ނޫން ކަމަށެވެ.

މައުރޫފް ވިދާޅުވީ މުއިއްޒަކީ އޮޅުވާލައިގެން ވަޒީފާގެ ބޭނުމުގައި ކޮންމެ ކަމެއްވެސް ކޮށްފާނެ ފަދަ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލް ކުރާ ގޮތުގައި މުއިއްޒު އަކީ ތެދުވެރި ބޭފުޅެއް ނޫން، އެއީ އަދާލަތަށް ސީދާ ދޯކާ ދީފައި ހުރީ އަޅުގަނޑުމެންނަށް އެމްޑީއޭ)އަށް ވެސް އޮޅުވާލައިގެން އައިސް އަޅުގަނޑުމެން އަތުން ހައުސިން މިނިސްޓަރ ކަން ދަމައިގަނެ އެންމެ ފަހުން ގޮސް ޕީޕީއެމް ކުލަ ޖެހި އެންމެ ފަހުން ގޮސް އަޅުގަނޑުމެންނާއި މުޅިން ވަކިވެގެން ދިޔައީ. އެއްވެސް ކަހަލަ އިހްސާންތެރިކަމެއް އެއްވެސް ކަހަލަ އޯގާތެރިކަމެއް އެއްވެސް ކަހަލަ އަދުލުވެރިކަމެއް ހުރި މީހެއް ނޫން މުއިއްޒަކީ. އޭނާ އަކީ މުސްތަގްބަލްގައި ވަޒީފާގެ ބޭނުމުގައި ކޮންމެ ކަމެއްވެސް ކޮށްފާނެ މީހެއް" މައުރޫފު ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ދެބޭފުޅުން ދީނީ ގޮތުން އަޅާ ކިރާލަން ޖެހޭ ކަމަށެވެ. އަދި މުއިއްޒުގެ ސިޔާސީ ހަޔާތުގައި ކުރީ ކޮން ކަމެއްތޯ އާއި ރައީސް ސޯލިހު ގެ ސިޔާސީ ހަޔާތް ބައްލަވަން ޖެހޭ ކަމަށެވެ. އެގޮތުން މުއިއްޒު އަކީ ސިޔާސީ މަންފާއަށް ކޮންމެ ކަމެއްވެސް ކުރައްވަފާނެ ބޭފުޅެއް ކަމަވެ، އެހެންވެ އޭނާއަށް އެއްގޮތަަކަށްވެސް ވޯޓެއް ދިނުމަކީ ބިރެއް ކަމަށް މައުރޫފު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ ޑރ. މުހައްމަދު މުއިއްޒު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ދީނީ ގޮތުން އަޅާ ކިރާލަން، މުއިއްޒުގެ ސިޔާސީ ހަޔާތުގައި ކުރީ ކޮން ކަމެއްތޯ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސީ ހަޔާތުގައި ކުރެއްވީ ކޮން ކަމެއްތޯ. އެހެންވީތީ އިލްމުވެރިންގެ ވާޖިބެއް އެއީ މިއަދު އަޅުގަނޑުމެން ހާއްސަކޮށް އަދާލަތު ޕާޓީގެ އިލްމުވެރިންނަށް ގޮވާލަން ކެރިގެން މިކަމާއި ނިކުމެ، އިބްރާހިމް މުހައްމަދު ސޯލިހުގެ ދިފާއުގައި މުއިއްޒުގެ ދީންވެރިކަމެއް ނެތް ކަން ހަގީގަތް ހާމަކޮށްދޭން" މައުރޫފު ވިދާޅުވިއެވެ.

ޑރ. މުއިއްޒުގެ ސިޔާސީ މަސައްކަތް ފައްޓަވާފައިވަނީ އަދާލަތު ޕާޓީންނެވެ. އޭގެ ފަހުން އެމްޑީއޭ އާއި ގުޅި އެޕާޓީން ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރ ކަމަށް ވަޑައިގެން ފަހުން ވަނީ އެމްޑީއޭއިން ވަކިވެ ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ.

މުއިއްޒު ޕީޕީއެމްއިން ވަކިވެވަޑައިގެންފައިވަނީ ޕީޕީއެމްގެ ރައީސް އަދި އެޕާޓީން ރިޔާސީ އިންތިހާބަށް ޓީކެޓު އަރުވާފައިވާ ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭނެތީ އެޕާޓީ އާއި ކޯލިޝަން ހަދާފައިވާ ޕީއެންސީއިން ތައްޔާރުވާން ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެން ޕީޕީއެމް އިން ވަކިވެ ޕީއެންސީ އާއި ގުޅި ޕާޓީގެ ކައުންސިލް މެދުވެރިކޮށް ޓިކެޓު ހޯއްދަވައިގެންނެވެ.

މުއިއްޒު ވަނީ 7 އަހަރު ހައުސިން މިނިސްޓަރކަން ކުރައްވާފައެވެ.