އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޙާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންނާއި ނައިބުންނާއި ގުޅޭ ސައްޙާ ނޫން ޙަބަރުތައް ނުފެތުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފިއެވެ.
އެތަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިހާރަކަށް އައިސް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންނާއި އެކެނޑިޑޭޓުންގެ ނައިބުންނާއި ގުޅޭގޮތުން ސައްޙަ ނޫން ޙަބަރުތައް ފަތުރާ ކަމުގެ ޝަކުވާ އެކައުންސިލަށް ލިބެމުންދާ ކަމަށެވެ. އެހެން ކަމުން 'ދިވެހި މީޑިއާގެ އަޙްލާޤީ މިންގަނޑު" ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ރިޔާސީ އިންތިހާބުގައި، ކެމްޕެއިން ޙަބަރުތައް ގެނެސް ދިނުމަށާއި، ކެނޑިޑޭޓުންނާއި ކެނޑިޑޭޓުންގެ ނައިބުންނާއި ގުޅޭގޮތުން ދޮގު ވާހަކަ ނުފެތުރުމަށް މިޑީއާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކައުންސިލުންގެ ބަޔާނުގައި އިތުރަށް ބުނިގޮތުގައި، މީޑިއާގައި ޝާޢިއު ކުރާ މަޢުލޫމާތަކީ، އިންސާފުވެރިކަމާއި ތެދުވެރިކަމާއި އެކު ފޯރުކޮށްދެވޭ މައުލޫމާތުކަން ޤަބޫލު ކުރުމުގެ ހައްޤު އާންމުންނަށް ލިބިގެންވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތު ޝާއިއު ކުރާއިރު އާންމު ފަރުދުންނަށް ލިބިގެންވާ އަމިއްލަ މިނިވަންކަމުގެ ދައިރާއަށް ޙުރުމަތްތެރިކޮށް ހިތޭގޮތަށް އެފަރާތްތަކަށް ދޭންވާ ޤަދަރާއި ޢިހުތިރާމު ދޭން ޖެހޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
ކައުންސިލުން ވަނީ މިއުސޫލަށް ނޫސްވެރިން ރިޔާސީ އިންތިހާބުގެ ތެރޭގައިވެސް ތަބަޢުވާން ޖެހޭއިރު، އުސޫލަށް އިހުތިރާމްކޮށް "އެންޓި ކެމްޕެއިން" އާއި މުޅިން ދުރުހެލިވާން ޖެހޭ ކަމަށެވެ.
މިޑީއާ ކައުންސިލުންވަނީ މިފަދަ ޙަބަރާއި މައުލޫމާތު ފަތުރާނަމަ، މީޑިއާ ކައުންސިލަށް ލިބިގެންވާ އިޙުތިސާސްގެ ދަށުން އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ޖެހޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ މައްސަލަ ކަމާއި ގުޅޭ މުޢައްސަސާއަކަށް ހުށަހަޅާނެ ކަމަށް އެކައުންސިލުން ވަނީ އިންޒާރު ދީފައެވެ.