Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހުޅުމާލެ ފަޅުން ނަގާ އުޅަނދުތައް ކުޑަގިރި އާއި ދިޔަނެރަށް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ބޯހިޔަވާހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެ ފޭސް 2 އިން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގައި، ސައިޓުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނި ގޮތުގައި މި ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގައި، ސައިޓް އޭ ގެ މަސައްކަތް ފެށުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. މިގޮތުން އެ ސަރަހައްދުން ނެގޭ އުޅަނދުތައް އެ ސަރަހައްދުން ބޭރުގައި އެޅޭނެގޮތް ވެސް މިހާރު މަގުފަހިކޮށްދީފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ. އެހެން ކަމުން ސައިޓު އޭ ގައި އަޅާފައިވާ އަމިއްލަ ފަރާތްތަކުގެ އުޅަނދު އެ ސަރަހައްދުން ނެގުމަަށް އާބަންކޯއިން އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން މި ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އާބަންކޯގައި ރެޖިސްޓަރ ކޮށްގެން، ކުޑަގިރި ފަޅުގައި އަދި ދިޔަނެރު ފަޅުގައި އެޅޭނެ މަގުވެސް މިހާރު ފަހިކޮށްދީފައިވާ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

ހުޅުމާލެ ފަޅުތެރެއިން، ހުޅުމާލެގެ މާސްޓަރ ޕްލޭންގައި ކްރޫޒް ޓާމިނަލެއް ތަރައްޤީ ކުރުމަށް ނިންމާފައިވާ ސަރަހައްދު މި ސަރުކާރުން ވަނީ ހިއްކަން ނިންމާފައެވެ. މި ސަރަހައްދު ހިއްކަނީ ހުޅުމާލެއިން މާލެ ރައްޔިތުންނަށް ގޯތި ދިނުމަށެވެ. ސަރުކާރުން ވަނީ ދިޔަނެރު ފަޅުގައި ޒަމާނީ ފެންވަރުގެ ކްރޫޒް ޓާމިނަލެއް ތަރައްޤީ ކުރާނެ ކަން އިއުލާންކޮށްފައެވެ.