Last Updated: August 15, 14:51
Friday, August 15, 2025
ޚަބަރު

ޑިސަބިލިޓީ މެނޭޖްމެންޓް ސެންޓަރު ހުޅުވައިފި

ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ހުޅުމާލޭގައި ޤާއިމްކުރި، ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ފަސްޓްލޭޑީ ފަޒްނާ އަހުމަދު ހުޅުއްވައި ދެއްވައިފިއެވެ.

މިސެންޓަރު ހުޅުވާފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވާފައި ވަނީ، މިހާރު އިންފެކްޝަސް ޑިޒީޒް މެނޭޖްމެންޓް ސެންޓަރުވެސް ހިންގަމުން އަންނަ ހުޅުމާލެ އޮރެންޖް ހިޔާ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަސްޓްލޭޑީ ފަޒްނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތްތައް ލިބިދިނުމުގައި ވަށައިޖެހޭނެ ގޮތަކަށް ކަންކަން ރޭވިފައި ހުރުން މުހިއްމު ކަމަށެވެ. އަދި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް މުޖުތަމައުގައި ތިބި ބައެއްކަން ހަނދާންކޮށް، އިޝްތިހާރު ފަދަ ތަކެތި ބޭނުންކޮށްގެން މަޢުލޫމާތު ފޯރުކޮށް ދިނުމުގައި ހުރިހާ ބާވަތެއްގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް މައުލޫމާތު ފޯރުކޮށްދެވޭނޭ ގޮތަށް މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ.

މީގެއިތުރުން ވިދާޅުވީ މިސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރި އުފާވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ.

ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ހިންގަމުންދާނީ ހުޅުމާލެ ހޮސްޕިޓަލްގެ ދަށުންނެވެ. މިސެންޓަރު މިއަދު ހުޅުވިގެން ދިޔައިރު، މިސެެންޓަރުގައި 7 ފިޒިއޮތެރަޕިސްޓުން މަސައްކަތް ކުރައްވަމުން ގެންދަވާނެއެވެ. މިސެންޓަރުން އުފެދުމުގައި އެކި އެކި މައްސަލަތައް ހުރުމުގެ ސަބަބުން ތަފާތު ފަރުވާއާއި ތަމްރީންތައް ބޭނުންވާ ފަރާތްތަކަށާއި، ދިރިއުޅުމުގައި ދިމާވާ ހާދިސާއެއް، އެކްސިޑެންޓެއް ނުވަތަ ސްޓްރޯކެއް ޖެހުން ފަދަ ކަމަކުންވެސް އެފަރާތްތަކަށް ވަގުތީގޮތުން ކުރިމަތިވާ ހާލަތްތަކުން އަރައިގަނެ އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލައަށް އުޅެވޭނެ ޤާބިލްކަން ހޯދައިދިނުމަށްޓަކައި ބޭނުންވާ ރިހިބިލިޓޭޝަން ފަރުވާތައް ފޯރުކޮށްދޭނެއެވެ.

މިސެންޓަރު ހުޅުވިފައި ހުންނާނީ، ހުކުރު ދުވަހާއި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިސެންޓަރުގެ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، ސަރުކާރުން ވަނީ އެސެންޓަރަށް އާރްޓީއެލް ބަހުގައި ދަތުރުކުރެވޭނެގޮތަށްވެސް ބަސްދަތުރުތައް ހަމަޖައްސަވައިދެއްވާފައެވެ.