ފަސް ރަށެއްގެ ތަރައްގީގެ މަޝްރޫއުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
އެގޮތުން އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ ހއ. ތަކަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް، އއ. ރަސްދ މަޑިވަރު ފިނޮޅު އިއާދަކޮށް ތަރައްޤީކުރުމުގެ މަސައްކަތް، ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަސައްކަތް، ގއ. ގެމަނަފުށީ ބަނދަރު ހެދުމުގެ މަސައްކަތް އަދި ހއ. މާރަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތެވެ.
ހއ. ތަކަންދޫ ބަނދަރު އަޕްގްރޭޑްގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 46.5 މިލިއަން ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތުގެ ދަށުން އައު ބަނދަރު ކޮނުން، ބޭރު ހިލަ ތޮށި ޖެހުން، އެއްގަމު ހިލަ ތޮށި ޖެހުން، ސޭންޑްފިލްޑް ބްރޭކް ވޯޓަރ ޖެހުން، އެއްގަމު ތޮށިޖެހުން އަދި ބަނދަރު ލައިޓް ޖެހުމާއި ޕޭވްމަންޓް އެޅުން ހިމެނެއެވެ.
ހއ. މާރަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 43.9 މިލިއަން ރުފިޔާއަށް 480 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 53.7 މިލިއަން ރުފިޔާއަށެވެ.
ގއ. ގެމަނަފުށީ ބަނދަރު ހެދުން ހަވާލުކޮށްފައިވަނީ 70.1 މިލިއަން ރުފިޔާއަށް 570 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ ބަނދަރުތެރެ އަދި އައު ބަނދަރު ފުން ކުރުން، ޖިއޯބޭގް ރިވެޓްމަންޓްޖެހުން، ސޭންޑްފިލްޑް ބްރޭކްވޯޓަރ، ސަބްމާޖްޑް ބޮޑުހިލަ ބްރޭކްވޯޓަރ، ބަނދަރު ބައްތި އަދި ކޮންކްރީޓް ޖެޓީ ޤާއިމްކުރުން ހިމެނެއެވެ.
އއ. ރަސްދޫ މަޑިވަރު ފިނޮޅު އިއާދަކޮށް ތަރައްޤީކުރުމުގެ މަސައްކަތަކީ 27.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 250 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން ރަށް ވަށައިގެން 3 ހެކްޓަރުގެ ސަރަޙައްދެއް ވެލިން މުއްސަނދިކޮށް ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރެވޭނެއެވެ. އއ.ރަސްދޫ އިހްތިސާސްގައި ހިމެނޭ މަޑިވަރު ފިނޮޅަކީ ޒަމާނުއްސުރެ އެރަށު ރައްޔިތުން ޕިކްނިކް ދަތުރު ދިއުމަށް ބޭނުންކުރާ ރަށެކެވެ.