Last Updated: June 13, 11:58
Saturday, June 13, 2026
ޚަބަރު

ފޭދޫގެ 75 ފްލެޓް މަޝްރޫއު ކުރިއަށް

އައްޑޫ ފޭދޫގައި ހަދަން ނިންމާފައިވާ 75 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފޭދޫ ހިއްކި ބިމުގައި އަޅާ ތިން ކޮޓަރީގެ ފްލެޓްތައް ހުންނާނީ ހަތް ބުރީގެ ޓަވަރުތަކެއްގަ އެވެ. މި މަޝްރޫއަކީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން މަޝްރޫއަށް 122 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

އެސްޖޭއާ މަޝްރޫއު ހަވާލުކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ 26 ގަ އެވެ.

ފްލެޓްތައް އިމާރާތްކުރަން ޓަވަރުތަކުގެ ފައުޑޭންޝަން އަޅަން ތައްޔާރުވަމުން އަންނަ އިރު، މި މަސައްކަތް ކުރިއަށްދާ ގޮތް މިދިޔަ ހަފުތާގެ ފަހުކޮޅު ހައުސިން މިނިސްޓްރީގެ ޓީމަކުން ބަލާފައިވެ އެވެ.

ފޭދޫގައި ހަދާ މި 75 ފްލެޓަކީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެ އަވަށުގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެވެ. ކުރިން ފޭދޫގައި 25 ޔުނިޓް އެޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިތަދު އާއި ހުޅުމީދޫގައި ފްލެޓްތަކެއް އެޅި އެވެ. އެގޮތުން ހިތަދޫގައި 264 އަދި ހުޅުމީދޫގައި 48 ފްލެޓް ހަދާފައިވެ އެވެ.

ފޭދޫގައި ފްލެޓް މަޝްރޫއެއް ފެށި އިރު، މި ސަރުކާރުން މިހާރު އޮތީ އައްޑޫގައި އިތުރު 750 ފްލެޓް އަޅަން ވެސް ނިންމައިފަ އެވެ. އެއީ މިދިޔަ ހަފުތާގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ސްޓްރަކްޗާސް އަންލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިންނެވެ.

އެ ކުންފުންޏާ ހަވާލުކުރީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި 4،000 ފްލެޓް އެޅުމަށެވެ.