Last Updated: May 17, 11:50
Friday, May 17, 2024
ޚަބަރު

ރައީސްގެ ކެމްޕެއިނަށް އަދާލަތުގެ "ފެންޑާ" ހުޅުވައިފި

މި މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއިދު ހޯއްދެވުމަށް އަދާލަތު ޕާޓީގެ މެމްބަރުންގެ މަސައްކަތަށް އަމާޒުކޮށް އަދާލަތު ޕާޓީން "އަދާލަތު ފެންޑާ" ނަމުގައި ޖަގަހައެއް ހުޅުއްވައިފިއެވެ.

ޖަސްޓިސް ބިލްޑިންގް ކުރިމަތީގައި ހަދާފައިވާ "އަދާލަތު ފެންޑާ" ޖަގަހަ ހުޅުއްވައި ދެއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއެވެ.

ގިނަ އަދަދެއްގެ އަދާލަތު ޕާޓީގެ މެމްބަރުންނާއި އެކު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އިންތިހާބު ކާމިޔާބު ކުރައްވާނީ 56 ޕަސެންޓަށް ވުރެ މަތިން ކަމަށެވެ. ނަމަވެސް ބާކީ މިއޮތް ދުވަސްކޮޅު އެންމެން އެކުގައި މަސައްކަތްކޮށް އިތުރު ތިން ޕަސެންޓު ހޯދުމަށް ފައްޔާޒު އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައި ދިނުމަށް އެ ޕާޓީ ނުކުތީ ދިވެހިންނަށް ހިދުމަތްތަކެއް ކޮށްދީ އަދި އެކަން ދިވެހިން ބަލައިގަނެފައިވާ ކަން ގަބޫލު ކުރެވޭތީ ކަމަށެވެ.

އިމްރާން ވިދާޅުވީ އިންތިހާބުގައި ވާދަ ކުރާ އެއްވެސް ކެންޑިޑޭޓަކަށް މި އިންތިހާބުގައި މޮޅުވާނެކަމަށް ހިތުގެ އަޑިން ގަބޫލް ނުކުރާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެން މި ތިބީ ކުޑަކޮށް ހިރަފުސް ބޯ މައިދާނަކަށް ނުކުމެ. އެހެންވީމާ ހިރަފުސް ބޯ މައިދާނެއްގައި ހަނގުރާމައެއް ކޮށް ނިންމާއިރު ގައިގައި ހިރަފުސްކޮޅެއް ނުޖެހޭނެ ކަމަށް ގަބޫލުކުރާ މީހަކީ ވަރަށް ބޮޑު މޮޔައެއް. އެހެންވީމާ އަޅުގަނޑުމެންގެ ގަޔަށް ކުޑަކޮށް ހިރަފުސްކޮޅެއް ބުރައި، ކުޑަކޮށް ބުރަކަށި ޗަކަލަވެލައި، މި ކަންކަން ނިމިގެން އަޅުގަނޑުމެން މި ކަން ފުރިހަމަ އަށް ނިންމާލާނީ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މިކަން ނިމޭ އިރު ހުރިހާ ބޭފުޅުންގެ ގައިގައި ވެސް ހިރަސްފުސް އުނގުޅޭނެ ކަމަށާއި އެކަމާއި އެއްވެސް ބޭފުޅަކު ހާސް ނުވުމަށް އިމްރާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމްޑީއޭގެ ނައިބް ލީޑަރ އަލީ މައުރޫފުވެސް ވަނީ ވަހަކަ ދައްކަވާފައެވެ. މައުރޫފު ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު އަކީ އެއްވެސް ބަޔަކަށް އިހްލާސްތެރިވާނެ މީހެއް ނޫން ކަމަށެވެ.