އޮލިމްޕަހުގައި މިދިޔަ މަހު އެޅުވި އައި ފިލްމްސް ގެ ކްރައިމް ތުރިލާ "ނީނާ" ފަހު ޝޯ މިރޭ ދައްކަން ތައްޔާރުވެއްޖެ އެވެ.
އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކުރި މި ފިލްމު ޕްރީމިއާކުރީ މިދިޔަ މަހުގެ 6 ގަ އެވެ. "ނީނާ" އަކީ މި އަހަރު އޮލިމްޕަހުގައި އެޅުވި ފަސް ވަނަ ފިލްމެވެ. މީގެ ކުރިން ދިވެހި ސިނަމާއިން ފެނިފައި ނެތް ވަރަށް ތަފާތު އަންހެން ކެރެކްޓާއަކަށް ބިނާކޮށް ހަދާފައިވާ މި ފިލްމަކީ އަންހެނުންގެ ބާރުވެރިކަން ދައްކުވައިދޭ ފިލްމެކެވެ.
ބެލުންތެރިންނަށް "ނީނާ" ވަރަށް ކަމުދިޔަ އިރު، ފިލްމު ބެލި ވަރަށް ގިނަ ބަޔަކު އެއަށް ސޯޝަލް މީޑިއާގައި ތައުރީފު ވެސް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ދެރިޔާ" ގެ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ވެސް ހިމެނެ އެވެ.
"ނީނާ" ގެ ޓައިޓްލް ރޯލު ކުޅުނީ ފިލްމީ ދާއިރާ އިން މިހާރު އެންމެ ފާހަގަކޮށްލެވޭ ބަތަލާއިންގެ ތެރޭގައި ހިމެނޭ ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. އޭނަ އަކީ އިއްލެގެ އަލަތު ފީޗާ 2019 ގެ "ބަވަތި" ގެ ވެސް ބަތަލާ އެވެ.
"ނީނާ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، މަރިޔަމް ޝަކީލާ، ހަމްދޫން ފާރޫގް، ނަތާޝާ ޖަލީލު، ޖުމައްޔިލް ނިމާލު (ޖުމަލް) އަދި ކުރީގެ ބަތަލާ މަރިޔަމް ރަޝީދާ ހިމެނެ އެވެ.
މި ފިލްމުގެ ވަދާއީ ޝޯ މިރޭ އޮލިމްހުގައި ދައްކާ އިރު، މާދަމާ ރޭ ޔޫސުގް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ފިލްމު "ޖޯކަރު" އޮލިމްޕަހުގައި ޕްރީމިއާކުރަން ހަމަޖެހިފައިވެ އެވެ.
މި އަހަރު އޮލިމްޕަހުގައި އެޅުވި ފިލްމުތަކުގެ ތެރޭގައި "ބީވީމާ"، "ވަނާޖުބޭސާ" އަދި "ލޯބިވެވިއްޖެ" ހިމެނެ އެވެ.