މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ގދ. ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނަގާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
ހުވަދު އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުގެ ތެރެއިން ރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި އޭނަ ވިދާޅުވީ ޖުމްހޫރީ ޕާޓީ ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ވިލާ އެއާ އަށް ދީފައި އޮތް ކާޑެއްދޫ އެއާޕޯޓަށް އެއްވެސް ތަރައްގީ ނާންނަ ކަމަށާއި އެއާޕޯޓް އޮތީ މީގެ 20-25 އަހަރު ކުރިން ވެސް އޮތް ހާލަތުގައި ކަމަށެވެ.
އެހެންވެ އެ ތަނުގެ ހާލަތު ރަނގަޅު ކުރަން އެ އެއާޕޯޓް ސަރުކާރަށް ނަގަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މިކަން ނުކުރެވި އަމިއްލަ ވިޔަފާރިވެރިންގެ ދަށުވެގެން ސަރުކާރެއް ނުހިންގޭނެ. ކަންކަން ކުރަން އެނގިގެން ކަންކަން ކުރަން އަންނަން ޖެހޭނީ،" ނާޒިމު ވިދާޅުވި އެވެ. "އަޅުގަނޑަށް ގަބޫލު ކުރެވޭ އެކަން ކުރެވިދާނެ ކަމަށް."
އޭނަ ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނަގައި އެ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރާނެ ކަމަށެވެ.
އެ އެއާޕޯޓް ހިންގަން ވިލާ އެއާ އިން އެންމެ ފުރަތަމަ ހަވާލުވީ 2013 ގެ ތެރޭގަ އެވެ. އަދި ރަސްމީކޮށް އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން އޭރު ފެށީ ޖެނުއަރީ 1، 2014 ގައެވެ. ވިލާ އެއާ އަށް ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ކުއްޔަށް ދީފައި ވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގައި އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ.
ނަމަވެސް ފަހުން އެ ކުންފުނިން ކޯޓަށް މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އަލުން ކާޑެއްދޫ އެއާޕޯޓާ ވިލާ އެއާ އިން ހަވާލުވީ މިދިޔަ އަހަރުގެ މާޗް 1 ގަ އެވެ.