ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނުވަތަ ނޫކުލައިގެ ދެލި ހިނގާ ގަލަަމަކުން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައިސް އިސްމާއިލް ހަބީބް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅިގެން އީސީން މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހަބީބް ވިދާޅުވީ އިންތިހާބުގައި ވޯޓު ލެވޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ދެލި ހިނގާ ގަލަމަކުން ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި ރަނގަޅު އެއް ފާހަގައަށްވުރެއް ގިނަ ފާހަގަ ނުވަތަ ނިޝާން ނުވަތަ ކުރެހުމެއް ފަދަ އެއްވެސް އެއްޗެއް އޮވެއްޖެނަމަ އެ ވޯޓަކީ ބާތިލު ވޯޓެއް ކަމަށް ބަލާނެ ކަމަށެވެ.
ހަބީބް ވިދާޅުވީ އަމިއްލަ ގަލަމެއް މީހަކު ގެނެސްފިނަމަ، އެ ގަލަމެއް އޮފިޝަލުން ޗެކް ކުރާނެ ކަމަށާއި އެގޮތުން އެއީ ކޮން ކުލައަކުން ލިޔެވޭ ގަލަމެއްތޯ ޗެކުކުރާނެ ކަމަށެވެ. އެގޮތަކަށް ޗެކުކުރާއިރު އެ ގަލަމަކީ ކަޅު ނުވަތަ ނޫ ކުލައިގެ ދެލިން ލިޔެވޭ ގަލަމަކަށް ނުވާނަމަ އެ ގަލަމެއް ވޯޓުލާ މަރުކަޒަކަށް ނުވެއްދޭނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން ހަބީބް ވިދާޅުވީ އިތުރު ކުލައެއްގެ ގަލަމަކުން ވޯޓު ލައިފިނަމަ އެ ވޯޓެއް ބާތިލުވާނެ ކަމަށެވެ.
ވޯޓިން ބޫތުގައި ގަލަން އޮންނާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެ ގަލަމެއް ބޭނުންކުރުން ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.
މީގެއިތުރުން ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުގައި ފާހަގަޖަހާ ބޫތު ހުންނާނީ، ބޫތުގަ ފާހަގަ ޖަހާ މީހާގެ ފުރަގަސް ފެންނަ ގޮތަށް ކަމަށެވެ. މީގެ ބޭނުމަކީ ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ފޮޓޯ ނެގުންފަދަ މައްސަލަތައް ދިމާވާތީ އެމީހާގެ ހަރަކާތްތައް އޮފިޝަލުންނަށް ފެންނާނެގޮތަށް ހެދުންކަމަށް ވިދާޅުވިއެވެ. އެގޮތަށް މީހާ ހުރުމުން ޖީބުން އެއްޗެއް ނެގިނަމަވެސް ނުވަތަ ފާހަގަލުން ފިޔަވާ އިތުރު ކަމެއް ކުރާނަމަ އެކަމެއް ފާހަގަވާނެ ކަމަށެވެ.
ހަބީބް ވިދާޅުވީ އީސީން ނިންމާފައިވާ މި ތިން ނިންމުމަކީވެސް ވޯޓުގެ ސިއްރުކަން ޔަގީންކުރުމަށްޓަކައި ނިންމި ނިންމުންތަކެއް ކަމަށެވެ.