Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ދެ ތަރިއެއްގެ ދަރިން ފެޝަން ބްރޭންޑަކަށް

އިންޑިއާގެ އެކްޓަރުން ކަމަށްވާ ސުނިލް ޝެޓީ އާއި ސަންޖޭ ކަޕޫރްގެ ދަރިންތަކެއް ދުނިޔޭގެ މަޝްހޫރު ފެޝަން ބްރޭންޑެއް ކަމަށްވާ އެޗްއެންޑްއެމްގެ އިންޑިއާގެ ބްރޭންޑް އެމްބެސެޑަރުންނަށް ހަމަޖައްސައިފި އެވެ.

އެގޮތުން ސުނިލްގެ ދަރިފުޅު އަހާން ޝެޓީ އާއި ސަންޖޭގެ ދަރިފުޅު ޝަނާޔާ ކަޕޫރް ހިމަނައިގެން މިހާރު އެ ބްރޭންޑް އިޝްތިހާރު ވެސް ކުރަން ވަނީ ފަށައިފަ އެވެ. އޭގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.

އަހާން، 27، އަކީ 2021 ގެ ފިލްމު "ތަޅަޕް" އިން ބޮލީވުޑަށް ތައާރަފުވެފައިވާ އެކްޓަރެކެވެ. އެކަމަކު އޭގެ ފަހުން އޭނަގެ އިތުރު ފިލްމެއް ބެލުންތެރިންނާ ހަމައަކަށް ނާދެ އެވެ.

ޝަނާޔާ، 22، ބޮލީވުޑަށް ނެރެން އިއުލާންކުރި ފިލްމަކީ 2021 ގެ "ބޭދަޅަކް" އެވެ. އެކަމަކު އެ ޕްރޮޖެކްޓް އޮތީ ހުއްޓިފަ އެވެ. ނަމަވެސް މިދިޔަ ޖުލައި މަހު ޝަނާޔާ ވަނީ މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލުގެ ބޮޑު ޕްރޮޖެކްޓް "ރުޝާބާ" އަށް ސޮއިކޮށް، އޭގެ ފުރަތަމަ ޝޫޓިން ޝެޑިއުލް މިދިޔަ މަހު ނިންމައިފަ އެވެ.

ޝަނާޔާ އަކީ މަޝްހޫރު ތަރިން ކަމަށްވާ ސޯނަލް ކަޕޫރާއި އަރުޖުން ކަޕޫރާއި ހާޝްވަރުދަން ކަޕޫރާއި ޖާންވީ ކަޕޫރްގެ އިތުރުން މި އަހަރުގެ "ދި އާޗީސް" އިން ފިލްމީ ދުނިޔެ އަށް ތައާރަފުވާ ހުޝީ ކަޕޫރްގެ ކަޒިންއެކެވެ. އޭނަގެ ބައްޕަ ސަންޖޭ އަކީ ސޯނަމް އާއި ހާޝްގެ ބައްޕަ އަނިލް ކަޕޫރާއި އަރުޖުން އާއި ޖާންވީ އަދި ހުޝީގެ ބައްޕަ ބޯނީ ކަޕޫރްގެ ކޮއްކޮއެކެވެ.