Last Updated: August 15, 14:51
Friday, August 15, 2025
ޚަބަރު

މަގޫދޫ އެއަރޕޯޓް މަސައްކަތް ފަށަން ތައްޔާރުވަނީ

ފ. މަގޫދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއު ފެށުމަށް ތައްޔާރު ވެއްޖެއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ، ފ. މަގޫދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ އޭބީސީ، އެސްފޮލްޓް އަދި ރޫފިންގ ސްޓްރަކްޗަރ މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 1800 އަކަ މީޓަރުގެ ރަންވޭއެއް ހެދުމާއި، 81443 އަކަ މީޓަރުގެ އޭޕްރަން ހެދުމާއި، 2919 އަކަ މީޓަރުގެ ޓެކްސީވޭ ހެދުމާއި، 895 އަކަ މީޓަރުގެ ފަޔަރ ޕެޑްއެއް ހެދުމާއި، 3059 އަކަ މީޓަރުގެ އެއަރޕޯޓް ރޯޑް ހެދުމާއި، 1185 އަކަ މީޓަރުގެ ސަރވިސް ރޯޑް ހެދުމާއި، ޓާރމިނަލް ބިލްޑިންގއެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިންގ، ފަޔަރ ޕޮންޑް، އަދި އަލިފާން ނިއްވާ ވަސީލަތް ޤާއިމުކުރުން ހިމެނެއެވެ. މީގެއިތުރުން ސެކިއުރިޓީ ޕޯސްޓަކާއި ސެކިއުރިޓީ ވަސީލަތް ޤާއިމުކުރުމާއި، ފެންސިންގ ޖެހުމާއި، ޕެރިމީޓަރ ލައިޓިންގ ޖެހުމާއި، އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ޤާއިމުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، މެޓް ވަސީލަތްތައް ޤާއިމްކުރުމާއި، ގްރައުންޑް ހެންޑްލިންގ ވަސީލަތްތަށް ޤާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ފ. މަގޫދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 264.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.