Last Updated: August 15, 14:51
Friday, August 15, 2025
ޚަބަރު

ފާހަގަ ނުވެއްޓޭނެ ކަމުގެ ޔަގީންކަން އަރުވަން: އީސީ

ވޯޓުލާ މަރުކަޒުތަކުގައި އިލެކްޝަންސް ކޮމިޝަނުން ފޯރުކޮށްދޭ ގަލަންތަކުން ވޯޓު ކަރުދާހުގައި ފާހަގަޖަހައިގެން، ފާހަގަ ނުވެއްޓޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީން ވަނީ ރިޔާސީ އިންތިހާބަށް އެ ކޮމިޝަނުން ނިންމި ނިންމުންތަކެއް ހާމަކޮށްފައެވެ. އެގޮތުން އިންތިހާބުގައި ވޯޓު ލެވޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ދެލި ހިނގާ ގަލަމަކުން ކަމަށް ނިން، ރަނގަޅު އެއް ފާހަގައަށްވުރެއް ގިނަ ފާހަގަ ނުވަތަ ނިޝާން ނުވަތަ ކުރެހުމެއް ފަދަ އެއްވެސް އެއްޗެއް އޮވެއްޖެނަމަ އެ ވޯޓަކީ ބާތިލު ވޯޓެއް ކަމަށް ބެލުމަށް ވަނީ ނިންމާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ވޯޓުލާ މަރުކަޒުގައި އީސީން ގަލަން ބަހައްޓާނެތޯ ސުވާލު ކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓުލާ ކޮންމެ މަރުކަޒެއްގެ ބޫތުގައިވެސް އީސީން ބާއްވާ ގަލަމެއް އޮންނާނެ ކަމަށާއި އެގަލަމަކީ ފާހަގަ ޖެހުމަށް ފަސޭހަ ގަލަމަކަށް ވާނެ ކަމަށެވެ. އަދި އީސީން ބޮޑަށް އެދެނީ އެ ގަލަމުން ފާހަގަ ޖެހުމަށް ކަމަށާއި އިތުރު ގަލަމެއް ގެންނަނަމަ އެ ގަލަމެއް ޓެސްޓު ކުރުމަށް ވަގުތުވެސް ނަގާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ސަތޭކައިން ސަތޭކަ ޔަގީންކަން މިއަރުވަނީ ފާހަގައެއް ނުވެއްޓޭނެ. އަޅުގަނޑުމެންގެ ގަލަމުންޖަހާ ފާހަގައެއް ނުވެއްޓޭނެ. އެހަމަ ފާހަގަޖެހި ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި އެ ފާހަގަ އޮންނާނީ." ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އީސީގެ ގަލަން ބޭނުންނުވާނަމަ އަމިއްލަ ގަލަމެއް ގެނައުމަށް ޤާނޫނުން ހުއްދަކުރާ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަބީބް ވިދާޅުވީ އަމިއްލަ ގަލަމެއް މީހަކު ގެނެސްފިނަމަ، އެ ގަލަމެއް އޮފިޝަލުން ޗެކް ކުރާނެ ކަމަށާއި އެގޮތުން އެއީ ކޮން ކުލައަކުން ލިޔެވޭ ގަލަމެއްތޯ ޗެކުކުރާނެ ކަމަށެވެ. އެގޮތަށް ޗެކުކުރާއިރު އެ ގަލަމަކީ ކަޅު ނުވަތަ ނޫ ކުލައިގެ ދެލިން ލިޔެވޭ ގަލަމަކަށް ނުވާނަމަ އެ ގަލަމެއް ވޯޓުލާ މަރުކަޒަކަށް ނުވެއްދޭނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން ހަބީބް ވިދާޅުވީ އިތުރު ކުލައެއްގެ ގަލަމަކުން ވޯޓު ލައިފިނަމަ އެ ވޯޓެއް ބާތިލުވާނެ ކަމަށެވެ.

ވޯޓިން ބޫތުގައި ގަލަން އޮންނާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެ ގަލަމެއް ބޭނުންކުރުން ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.