އައްޑޫއިން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް މާދަމާ އިއުލާން ކުރާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
އައްޑޫސިޓީ ކައުންސިލްގެ މޭޔަރ އަލީ ނިޒާރު މިކަމާއި ގުޅޭގޮތުން އައްޑޫލައިވްއަށް ވިދާޅުވީ، މާދަމާ ޝަރުތު ހަމަވާ އެންމެންގެ ދާއިމީ ލިސްޓު އާންމު ކުރާނެ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ގޯތި ދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޭޔަރ ވިދާޅުވިއެވެ.
" އަޅުގަނޑުމެން މި ބަލަނީ ނޮވެމްބަރު މަހުގެ ނިޔަލަށް، މިހާރު އިއުލާން ކުރެވިފައިވާ 1000 ގޯތި ކަނޑައި ރައްޔިތުންނަށް ދެވޭނެ ކަމަށް. ކައުންސިލުގެ މުވައްޒަފުން އިންތިހާބުގެ މަސައްކަތްތަކުގައިވެސް އުޅޭ. އެހެންވީމާ ހުރިހާ މަސައްކަތެއް ވަކި ދުވަހަކަށް ނިމޭނެ ކަމަށް ދަންނަވަން ދަތި" މޭޔަރ ވިދާޅުވިއެވެ.
ދާއިމީ ލިސްޓު އާންމު ކުރެވުމާއެކު، އޭގެ ފަހުން ޕޮއިންޓް ދެވި ލިސްޓުތައް ތަރުތީބު ކުރެވޭނެއެވެ. އެގޮތުން ލިސްޓު ތަރުތީބުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށް މިހާރު އިއުލާން ކުރެވިފައިވާ 1000 ގޯތި ހަވާލު ކުރުމަށް މަސައްކަތް ކުރެވޭނެއެވެ. ކައުންސިލުން މިހާރު ހަވާލު ކުރުމަށް އިއުލާން ކުރެވިފައިވާ 1000 ގޯތި ދޫކުރާނެ ސަރަހައްދު ވަނީ ކަނޑައެޅިފައެވެ.
އައްޑޫސިޓީ ކައުންސިލުން ވަނީ މި 1000 ގޯތީގެ އިތުރުންވެސް، ލިސްޓުގައި ޝަރުތުހަމަވާ އެންމެންނަށް ގޯތި ދޭން ނިންމާފައެވެ. އެފަރާތްތަކަށް ގޯތި ދިނުމަށް ކައުންސިލުން ނިންމާފައިވަނީ އައްޑޫގެ އަވަށްތަކުގެ ހިއްކި ސަރަހައްދުންނެވެ. އެ ފަރާތްތަކަށް ގޯތި ދޫކުރެވޭނީ އަލަށް ހިއްކި ސަރަހައްދުތަކުގެ ލޭންޑް ޔޫޒް ޕްލޭން ނިމިގެން ކަމަށް ކައުންސިލުން ބުނެއެވެ. އަދި މިހާރު އެ ސަރަހައްދުތަކުގެ ލޭންޑް ޔޫޒް ޕްލޭން ހެދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް މޭޔަރ ނިޒާރު ވަނީ ހާމަކުރައްވާފައެވެ.
އައްޑޫއިން ގޯތި ލިބޭ މީހުންގެ ލިސްޓު އިއުލާންކޯށް ކައުންސިލް ވެބްސައިޓުގައި އަދި ގެޒެޓްގައި ވަނީ ޝާއިއުކޮށްފައެވެ. އައްޑޫސިޓީން 1000 ގޯތި ދިނުމަށް ހުޅުވާލީ މިއަހަރު ކުރީކޮޅުއެވެ. މި ގޯތިތަކަށް ޖުމްލަ 4160 ފޯމު ހުށަހަޅާފައިވާއިރު، ޖުމްލަ 3972 ފަރާތެއް ޝަރުތު ފުރިހަމަވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. ކައުންސިލުން ވަނީ މިއެންމެންނަށް ގޯތި ދޭން ނިންމާފައެވެ.
ފޯމު ހުށަހެޅި 95 އިންސައްތަ މީހުން ޝަރުތު ހަމަވާއިރު، 188 ފަރާތެއް ޝަރުތު ހަމަ ނުވެއެވެ. އެ ފަރާތްތަކަށް ކައުންސިލުން ވަނީ ފޯމުތައް އިސްލާހުކުރުމުގެ ފުރުސަތު ދީފައެވެ.