މޯލްޑިވްސް އިންސްޓެންޓް ޕޭމެންޓް ނިޒާމު ނުވަތަ "ފަވަރަ" މެދުވެރިކޮށް ހަފްތާއެއްހާ ދުވަހުގެ ތެރޭ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުޢަމާލަތް ކުރެވިފައިވާ ކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޚިދުމަތް ދޭން ފެށިތާ ހަފްތާއެއްގެ ތެރޭގައި، 29،773 ވަކި މުޢަމާލާތް ވަނީ ހިންގާފައެވެ. އެއީ ޖުމްލަ 128.42 މިލިއަން ރުފިޔާގެ މުޢާމަލާތް ކަމަށް އެމްއެމްއޭއިން ބުނެއެވެ.
މޯލްޑިވްސް އިންސްޓެންޓް ޕޭމެންޓް ސިސްޓަމް ނުވަތަ "ފަވަރަ" އަކީ ރާއްޖޭގައި ހިންގާ އެއް ބޭންކުން އަނެއް ބޭންކަށް ފައިސާގެ މުޢަމަލާތް ވަގުތުން ކުރުމަށް ތަރައްޤީ ކުރެވިފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ތެރެއިން ކޮންމެ ބޭންކެއްގެ ކަސްޓަމަރެއް ވިއަސް ވަގުތުން ފައިސާ ޖަމާ ކުރެވޭނެއެވެ. މިފަދަ ފައިސާގެ މުޢާމަލާތްތަކަށް މީގެ ކުރިން މަދުވެގެން އެއް ދުވަސް ނަގައެވެ. މި ނިޒާމުގައި މިވަގުތު ބޭންކް އޮފް މޯލްޑިވްސް، އިސްލާމިކް ބޭންކް އަދި އެސްބީއައި ބައިވެރިވެއެވެ. އަދި އިތުރު ބޭންކުތައް ބައިވެރި ވުމަށް ވެސް އެކި މަރުހަލާތަކުގައި ތިބި ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
More than MVR 100 million worth transactions within a week! Thank you for choosing Favara. pic.twitter.com/idsvNSGeWM
— Favara – MIPS (@Favara_MIPS) September 4, 2023
ފަވަރައިގެ ފުރަތަމަ މަރުހަލާގައި މި ވަގުތު ދެނީ މައިގަނޑު ހަތަރު ހިދުމަތެކެވެ. އެއީ، ފަވަރަ އައިޑީއެއް ހެދުމާއި ފަވަރަ ޓްރާންސްފާ އާއި ފަވަރަ ރިކުއެސްޓްގެ އިތުރުން ވެރިފިކޭޝަން ހިދުމަތެވެ. މި ހިދުމަތްތައް ދެނީ ބީއެމްއެލް އާއި އެސްބީއައި އާއި އެމްއައީބީގެ އިންޓަނެޓް ބޭންކިން އާއި އެޕްލިކޭޝަން މެދުވެރިކޮށެވެ. އެމްއެމްއޭއިން ދަނީ ފަވަރައަށް ހާއްސަ އެޕްލިކޭޝަނެއްވެސް ތަރައްޤީ ކުރަމުންނެވެ.
ފަވަރަ އައިޑީއެއް ހެދުމުން، ބޭންކުތަކުގެ އެކައުންޓު ނަންބަރުގެ ބަދަލުގައި އީމެއިލް ނުވަތަ ފޯނު ނަންބަރު ބޭނުންކޮށްގެން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އެވެ. ފަވަރަ ޓްރާންސްފާ އިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި ފަވަރަ ރިކުއެސްޓް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެ އެވެ.
ފަވަރަ މެދުވެރިކޮށް އެއް ފަހަރާ އެންމެ ގިނައިން ފޮނުވޭނީ 50،000ރ. އެވެ. އަދި ފަވަރަ ރިކުއެސްޓް މެދުވެރިކޮށް 5،000ރ. އާ ހަމައަށް ފައިސާ ފޮނުވޭނެ އެވެ.