Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

އިބްރާހީމަށް ދެވަނަ ފިލްމެއް

އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަަލީ ޚާން ދެވަނަ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި 22 އަހަރުގެ ޒުވާނާ ސޮއިކުރީ ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދަން ތައްޔާރުވަމުން އަންނަ މިއުޒިކަލް ލަވް ސްޓޯރީ "ދިލަރު" އަށެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި މި ފިލްމުގެ ޑައިރެކްޓަރަކީ "ތުމް މިލޭ" އާއި "ޖަންނަތު" ގެ އިތުރުން "ޝިއްދަތު" ގެނެސްދިން ކުނާލް ދޭޝްމުކް އެވެ.

އެ ނޫހުން ބުނި ގޮތުގައި "ދިލަރު" ގެ ޝޫޓިން މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފަށާނެ އެވެ.

ކުޅުނު ފުރަތަމަ ފިލްމު "ސަރުޒަމީން" ރިލީޒް ނުވަނީސް އިބްރާހިމަށް މެޑޮކްގެ ފިލްމަކުން ފުރުސަތު ލިބުނު އިރު، އޭނަގެ ދައްތަ ސާރާ އަލީ ޚާން ވެސް އެ ސްޓޫޑިއޯގެ ދެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ މިދިޔަ ޖޫންގައި ރިލީޒްކުރި "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އާއި 2020 ގެ "ލަވް އާޖް ކަލް" އެވެ.

އިބްރާހީމްގެ ފުރަތަމަ ފިލްމު "ސަރުޒަމީން" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އެއްޗެކެވެ. އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ މި ވަތަނީ ފިލްމުގެ ޑައިރެކްޓަރަކީ އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު ކެޔޯޒް އިރާނީ އެވެ.