Last Updated: June 6, 22:05
Saturday, June 6, 2026
ޚަބަރު

މ. އަތޮޅަށް އެމްޓީސީސީގެ ފެރީ ހިދުމަތް

މ. އަތޮޅުގައި އެމްޓީސީސީ ފެރީ ޚިދުމަތް ފަށައިފި / ފޮޓޯ: އެމްޓީސީސީ

މ. އަތޮޅުގައި ދެމުންދާ ފެރީ ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން ސްޕީޑް ފެރީގެ ޚިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެމްޓީސީސީ ސްޕީޑު ފެރީގެ ޚިދުމަތް މިއަދު ފެށިގެން ދިޔައިރު 1 ހަފްތާ ވަންދެން ޚިދުމަތް ދޭނީ، މުޅި ހިލޭއެވެ. މިއީ މިދަތުރުތަކަށް ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުންނެވެ. މިއީ ރައްޔިތުން ފެރީ ޝެޑިއުލްތަކަށް ފަރިތަކޮށް، ރައްޔިތުންގެ ޚިޔާލު ހޯދުމާއި އަދި ފެރީ ޙިދުމަތް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮަތުން ކުރެވޭ ކަމެކެވެ.


ރަނގަޅު ފެންވަރުގެ 45 މީހުންގެ ޖާގައިގެ މި ފެރީތައް ހަފްތާއަކު ތިން ދުވަހު ދަތުރު ކުރާނެއެވެ. އެގޮތުން ފުރަތަމަ ހިލޭ ދަތުރު ކުރާ ހަފްތާގައި 7955508 އަށް ގުޅުއްވައިގެން ޖާގަ ހަމަޖެއްސޭނެއެވެ. އަދި އޭގެ ފަހުން ފެރީ ޓިކެޓު ވިއްކާނީ އެކަމަށް ހާއްސަ ކުރެވިފައިވާ https://stl.mtcc.mv ވެބްސައިޓު މެދުވެރިކޮށެވެ. އަދި ޙިދުމަތާއި ބެހޭ އިތުރު މައުލޫމާތު 1650 އަށް ގުޅުއްވައިގެން ލިބިވަޑައިގަންނަވާނެއެވެ.

އެމްޓީސީސީން މ. އަތޮޅުގައި ސްޕީޑު ފެރީގެ ޚިދުމަތް ފެށިއިރު، މި އަތޮޅު ނިސްބަތްވާ ޒޯން 4 ގެ އާރްޓީއެލް ފެރީގެ ޚިދުމަތް ދޭން ހަމަޖެހިފައިވަނީ ޕްރޮޖެކްޓުގެ ތިންވަނަ ފިޔަވަހީގެ ތެރެއިންނެވެ. މިދިޔަ އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެއްކޮށް ވަނީ ނިންމާފައެވެ. އެމްޓީސީސީން ވަނީ މިއަންނަ އަހަރަށް މުޅި ރާއްޖެ އާރްޓީއެލް ނިޒާމުން ގުޅާލާނެ ކަމަށް ބުނެފައެވެ.