Last Updated: July 27, 10:35
Saturday, July 27, 2024
ކުޅިވަރު

އަންހެނަކަށް އަނިޔާ ކުރިކަމުގެ ތުހުމަތު އެންޓޮނީ އަށް

އަންހެނަކަށް އަނިޔާ ކުރިކަމުގެ ތުހުމަތު މެންޗެސްޓާ ޔުނައިޓެޑްގެ ބްރެޒިލް ވިންގާ އެންޓޮނީ އަށް ކޮށްފި އެވެ.

މި ތުހުމަތުތައް އެންޓޮނީ އަށް ކޮށްފައިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އެވެ. ބްރެޒިލްގެ ނޫހަކުން އެ އަންހެން މީހާއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އެންޓޮނީ އޭނާ އަށް އަނިޔާކުރީ މިދިޔަ ޖެނުއަރީ 15 ގައި މެންޗެސްޓާގެ ހޮޓަލެއްގެ ތެރޭގަ އެވެ. އެގޮތުން އޭނާގެ ބޮލަށް ގެއްލުންތަކެއްދީ މޭ މަތީގައި އެންޓޮނީ ޖެހި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މި ތުހުމަތުތައް ބްރެޒިލްގެ ސައޮޕާލޯގެ އަދި ގްރޭޓާ މެންޗެސްޓާ ޕޮލިސް އިން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި ތުހުމަތުތައް އެންޓޮނީ ވަނީ ދޮގުކޮށްފަ އެވެ.

މި ތުހުމަތުތަކާއެކު މި މަސްތެރޭ ބްރެޒިލްގެ ގައުމީ ޓީމުން ކުޅޭ މެޗުތަކަށް ނެގި ސްކޮޑުން ވެސް އެންޓޮނީ މިހާރު ވަނީ ބާކީކޮށްފަ އެވެ. މިކަމާ ގުޅިގެން ޔުނައިޓެޑުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އެންޓޮނީ ،23، ޔުނައިޓެޑަށް ބަދަލުވީ އަޔެކްސް އިން 82 މިލިއަން ޕައުންޑުގެ އަގެއްގަ އެވެ.