ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ފިލްމު "ޖޯކަރު" މިރޭ އޮލިމްޕަހުގައި ޕްރީމިއާކުރަން ނިންމައިފި އެވެ.
މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލާ އިރު، މީގެ ޕްރޮމޯޝަންތައް ސޯޝަލް މީޑިއާގައި ކުރިއަށްދާތާ މިހާރު ދެ މަހެއްހާ ދުވަސް ވެދާނެ އެވެ.
ކުރިން ވެސް "ބައިވެރިޔާ" އާއި "ނޯޓީ 40" ފަދަ ކާމިޔާބު ކޮމެޑީ ފިލްމުތަކެއް ގެނެސްދިން ޔޫއްޕެގެ "ޖޯކަރު" ގެ ކާސްޓްގައި އަހުމަދު ނިމާލު، ޝީލާ، ނަޖީބު، އަހުމަދު ސައީދު، އަލީ އާޒިމް (ދޮން އައްޔަ) ،ނާޝިދާ މުހައްމަދު (ނާއްކޮ)، އިބްރާހީމް ރަޝީދު (ބްރޯ)، ހަމްދާން ފާރޫގް، އަހުމަދު ރިފްޝާން، ޝަހީދާ އަހުމަދު، މޫސާ އަލީފާއި އީމަން އަދި ނަސްވީ ހިމެނެ އެވެ.
"ޖޯކަރު" އަކީ މި އަހަރު އޮލިމްޕަހުގައި އަޅުވާ ހަ ވަނަ ފިލްމެވެ. އެތަނުގައި އެންމެ ފަހުން ދެއްކީ ރޭ ޝޯތައް ނިންމައިލި ޑައިރެލްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ ކްރައިމް ތުރިލާ "ނީނާ" އެވެ.
އޮލިމްޕަހަށް މި އަހަރު ގެނައި އިތުރު ފިލްމުތަކަކީ "ބީވީމާ"، "ވަނާޖުބޭސާ"، ލޯބިވެވިއްޖެ" އަދި "ކައުޝި" އެެވެ.
"ޔޫއްޕެ" ގެ މިރޭ ޕްރީމިއާކުރާ އިރު، އޭނަ ޑައިރެކްޓްކޮށް މުހިއްމު ރޯލެއް ކުޅެފައިވާ ބިރުވެރި ފިލްމު "ކަޅަކި" އަންނަ މަހު އަޅުވަން ޕްލޭންކޮށްފައިވެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.