Last Updated: June 13, 11:58
Saturday, June 13, 2026
ޚަބަރު

އިންޑިއާގެ ކުންފުނިތަކަށް މުއިއްޒުގެ އިންޒާރެއް!

ރާއްޖޭގެ މިނިވަން ކަމަށް ނުރަސް އެޅޭ ފަދަ އެއްވެސް އިންޑިއާ އިން ކުރާ ނަމަ ރާއްޖޭގައި މަޝްރޫއުތައް ހިންގާ އެ ގައުމުގެ ކުންފުނިތައް ބޭރުކުރާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކެމްޕޭންގެ ތެރެއިން އދ. މަހިބަދޫގައި ވާހަކަ ދައްކަމުން އޭނަ ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަކީ ގައުމަށް އެންމެ މުހިއްމު ކަންތައް ކަމަށެވެ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަކީ ގުރުބާން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އޭނަގެ ސަރުކާރެއްގައި މިނިވަންކަން ދަމަހައްޓަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.

އޭނަ ވިދާޅުވީ މިހާރު ރާއްޖޭގައި ހިންގަމުން އަންނަ ތަރައްގީގެ ކޮންމެ މަޝްރޫއަކަށް ބެލި ނަމަވެސް ފެންނަނީ ކަންބޮޑުވާން ޖެހޭ ފަދަ ކަންތައްތަކެއް ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެންމެ މުހިއްމު އެެއް ސިޔާސަތަކީ އެންމެ ފުރަތަމަ މިނިވަންކަން ކަމަށް ވިދާޅުވި އެވެ.

"މިނިވަންކަން [އެއީ] ނަންބަރު ވަން. މިނިވަންކަމަކާ ނޯންނާނެ ސުވާލު ކުރޭވޭކަށް. މިތާ ތިބެވިގެން ނުވާނެ. އަޅުގަނޑު އެއްބަހެއް ވެސް ނުވާނަން އެހެން ގައުމެއްގެ ސިފައިން ތިބޭކަށް،" ހަނިމާދޫ އެއާޕޯޓް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ތަރައްގީކުރާތީ އެކަމަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މިނިވަންކަން އެއީ ހަމަ ނަންބަރު ވަން."

މާލޭގެ މޭޔަރު ވިދާޅުވީ ގައުމެއްގެ ސިފައިން ރާއްޖެގައި ތިބެ، މިނިވަންކަމަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަމަށެވެ. އަދި އެ މީހުން ތިބީ ކުލަ ހެދުމުގައި ތޯ ނޫނީ ބަޑި ހިފައިގެންތޯ ބަލަން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ގޮތް ނޭނގޭ އެއްވެސް އެއްބަސްވުމެއް ވެސް އޮވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ގައުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމެއް ކަމަށް ވަންޏާ ހަމަ ޖީއާމްއެރް ބޭރުކުރި ގޮތަށް އެ މަޝްރޫއުތައް ބާތިލް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ. ރައްޔިތުންނަށް ފައިދާވާ ގޮތަށް އޮތް މަޝްރޫއެއް ކަމަށް ވަންޏާ ކުރިއަށް ދާނެ. މިހާރަށް ވުރެ ބާރަށް ކުރިއަށް ދާނެ. މިސާލަކަށް ބްރިޖު މަޝްރޫއު. އޭގެ ހަގީގަތެއް ނޭނގޭ. ގައިމު ވެސް ނުބައިތަކެއް ހުރީމާ ނޫންތޯ ފަސް އަހަރުވާ އިރު އެންމެ ތަނބެއް ވެސް ނުފެނިގެން މި އުޅެނީ."

އޭނަ ވިދާޅުވި ގޮތުގައި މި ސަރުކާރުން ހިންގާ އުތުރުތިލަފަޅުގެ މަޝްރޫއުގެ އަޑިއެއް ވެސް ނޭނގޭ ކަމަށެވެ.

އިންޑިއާ އަކީ މި ވަގުތު ރާއްޖޭގައި އެންމެ ގިނަ މަޝްރޫއުތައް ހިންގަމުން އަންނަ އަދި އެކި ގޮތްގޮތުން ރާއްޖެ އަށް އެންމެ ބޮޑަށް އެހީވަމުން އަންނަ ގައުމެވެ.