Last Updated: May 17, 13:33
Friday, May 17, 2024
ޚަބަރު

356 އިލްމުވެރިން، މުއިއްޒަށް 87 ގެ ތާއީދު!

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް އިލްމުވެރިންގެ ތެރެއިން 87 އިލްމުވެރިއަކު ތާއިދު ކުރާކަން ހާމަކޮށްފި އެވެ.

ރާއްޖޭގައި ދީނީ ތަގްރީރު ދިނުމާއި ވައުޟުދިނުމުގެ ހުއްދަ ދެވިފައިވާ 356 މީހުންގެ ތެރެއިން 106 މީހުން ހިމެނޭ ވައިބަ ގްރޫޕެއްގައި ރޭ ނެގި ވޯޓަކުން ޑރ. މުއިއްޒުއަށް ތާއިދު ކުރެއްވީ 87 އިލްމުވެރިންނެވެ.

ނުވަ އިލްމުވެރިން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ތާއީދު ކުރެއްވި އިރު ފަސް އިލްމުވެރިން ތާއީދު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދީނީ އިލްމުވެރިން ހިމެނޭ ވައިބާ ގްރޫޕުގަައި 140 މެމްބަރުން ތިއްބެވި އިރު އޭގެތެރެއިން ބައެއް މެމްބަރުން ވަނީ ވޯޓުގެ ކުރިން ގްރޫޕުން ބޭރުކޮށްފައެވެ.

ގައުމީ ޔުނިވާސީޓީގެ އެސިސްޓެންޓު ޕްރޮފެސަރ އަދި އަދި އަދާލަތު ޕަޓީގެ އިލްމުވެރިންގެ ރައީސް ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ ރާއްޖޭގައި ދީނީ ދަރުސް ދިނުމުގެ ހުއްދަ އޮންނަ 356 މީހުން ތިބި އިރު އޭގެ ތެރެއިން 87 މީހަކު މުއިއްޒުއަށް ތާއިދު ކުރުމަކީ އެއީ މެޖޯރިޓީތޯ ސުވާލު ކުރައްވާފައެވެ.

އިޔާޒު ވިދާޅުވީ ރާއްޖޭގެ އެތައް އިލްމުވެރިނެއް ތިބި އިރު އެބޭފުޅުންނަށް ނިސްބަތްކޮށް މިފަދަ ދޮގު ބުހުތާނު ފަތުރައިގެން ނުވާނެކަމަށެވެ. އިޔާޒު ވިދާޅުވީ މިއީ ބަޔަކު އަޑީގައި ތިބެގެން ކޮށްފައިވާ އަމަލެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޑރ. މުއިއްޒުއަށް ތާއިދު ކުރި ގިނަ އިލްމުވެރިންނަކީ ސަލަފު ޖަމިއްޔާއަށް ނިސްބަތްވާ ބޭފުޅުންނެވެ. ސަލަފުން ވަނީ މީގެ ކުރިންވެސް ޑރ. މުއިއްޒުއަށް ތާއިދު ކުރާކަން ހާމަކޮށްފައެވެ.