ބޮލީވުޑްގެ ޒުވާން އެކްޓަރު އިޝާން ހައްތަރު މިހާރު މެލެޝިއާ އިން ލޯބިވެރިޔަކު ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އެކްޓަރު ޝާހިދު ކަޕޫރްގެ ކޮއްކޮގެ އާ ލޯބިވެރިޔަކީ އިންޑިއާ ދަރިކޮޅުގެ މެލޭޝިއާގެ މޮޑެލްއެއް ކަމަށްވާ ޗާންދުނީ ބައިންޒް ކަމަށެވެ. ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައ އިޝާނާއި ޗާންދުނީ ދިމާވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ދެ މީހުންގެ މެދުގައި ވަރަށް ހާއްސަ ގުޅުމެއް އުފެދި، އެ ގުޅުން މިހާރު ސީރިއަސް ލޯބީގެ ގުޅުމަކަށް ބަދަލުވެފައިވާ ކަމަށްވެ އެވެ.
އިޝާން، 27، ކުރިން ރައްޓެހިވެގެން އުޅުނީ އޭނައާ އެކީ 2020 ގެ ފިލްމު "ކާލީ ޕީލީ" ކުޅުނު ބަތަލާ އަނަންޔާ ޕާންޑޭ، 24، އާ އެވެ. އެ ދެ މީހުން ރައްޓެހިވެގެން އުޅުނު ދުވަސްވަރު ޗުއްޓީ އަށް 2021 ގެ ކުރީކޮޅު ރާއްޖެ ވެސް އަ އެވެ. ނަމަވެސް އާ އަހަރާ ދިމާކޮށް ކުރި އެ ދަތުރު ނިންމާލިތާ މާ ގިނަ ދުވަހެއް ނުވެ އިޝާނާއި އަނަންޔާ ވަނީ ރުޅިވެފަ އެވެ.
އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު މިހާރު ރައްޓެހިވެގެން އުޅެނީ "އާޝިގީ 2" އާއި "މަލަންްގް" ފަދަ ފިލްމުތައް ކުޅުނު އަދިތިޔާ ރޯއި ކަޕޫރް، 37، އާ އެވެ.
އިޝާންގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ ޖާންވީ ކަޕޫރާ އެކީ ކުޅުނު 2018 ގެ "ދަޅަކު" އެވެ. މިދިޔަ އަހަރު "ފޯންބޫތު" އިން ފެނިގެން ދިޔަ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ "ޕިއްޕާ" އެވެ.