Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރެވޭކަށް ނެތް

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓަކަށް ތާއީދު ކުުރައްވައި ފަހަތަށް އެރެން ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަނުން ގާސިމް، އެ ކޯލިޝަނަށް ވަޑައިގަތުމަށް ތަކުރާރުކޮށް ގޮވާލަމުން އަންނާތީ އޭގެ ރައްދުގައި އިއްޔެ ފުވައްމުލަކުގައި ވިދާޅުވީ ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތައް ރަނގަޅަށް ވެސް ފެއިލްވެއްޖެ ކަމަށާއި އެހެންވެ އެހެން ޕާޓީއަކާ ބައިއަތުި ހިފުމަކީ އިތުރަށް ކެތްކުރެއްވޭނެ ކަނެއް ނޫން ކަމަށެވެ.

ގާސިމު ވިދާޅުވީ އެމްޑީޕީއަ ށް ދެ ފަހަރު ވެރިކަން ހޯދައިދެވިއްޖެ ކަމަށާއި ނަމަވެސް ދެ ރައީސުން ކަންތައް ކުރީ ގާނޫނުއަސާސީއާ މުޅިން ޚިލާފަށް ކަމަށެވެ. އަދި ޕީޕީއެމުން ވެސް ކަންކަން ކުރީ ހަމަ އެގޮތަށް ކަމަށެވެ

"އެހެންވީމަ މާފު ކުރައްވާ. އަޅުގަނޑަކަށް ނެތް އެބޭފުޅުންނަށް ތާއީދު ކުރެވޭކަށް. އެ ޕާޓީތައް ހަމަ ރީތިކޮށް ފެއިލްވެއްޖެ އިނގޭތޯ. އެމްޑީޕީ އަށް ދެ ފަހަރު ވެރިކަން ހޯދައި ދެވިއްޖެ،" ގާސިމު ވިދާޅުވި އެވެ. "އެ ދެފަހަރުވެސް ގާނޫނުއަސާސީ ވަޔަލޭޓްކުރީ. ދެ ރައީސުން ވެސް ގާނޫނު އަސާސީއާ ޚިލާފަށް ކަންތައް ކުރީ. އަދި ޕީޕީއެމުން ވެސް ހަމަ އެކަން ކުރީ."

ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމީ އެމްޑީޕީއާ އެކީ 2018 ގައި ހެދި ކޯލިޝަން މި ފަހަރުގެ އިންތިހާބަށް ވެސް އާ ކުރަން ރައީސް ސޯލިހު ދައުވަތު ދެއްވާފައި ވަނިކޮށެވެ. ދާދި ފަހުން ގާސިމު ވިދާޅުވީ އޭނަ ވެރިކަމަށް ކުރިމަތިލެއްވި މަޖުބޫރުވެގެން ކަމަށާއި ކުރިން ހުންނެވީ ވާދަކުރައްވާ ގޮތަށް ނޫން ކަމަށެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު މަހުޖަނު ވެރިކަމަށް ވާދަކުރައްވާ ތިން ވަނަ އިންތިހާބެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.