ދެ ކުދިން ވެސް ލިބިފައި ވަނިކޮށް ކައިވެންޏަށް ހަތަރު އަހަރު ފަހުން ހޮލީވުޑްގެ ބަތަލާ ސޯފީ ޓާނާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް ވަރިވާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެެވެ.
އެޗްބީއޯގެ މަޝްހޫރު ސީރީޒް "ގޭމް އޮފް ތުރޯންސް" ގައި ސަންސާ ސްޓާކް ކިޔާ ކެރެކްޓާ ކުޅުނު ސޯފީ އާއި މިއުޒިކް ބޭންޑް "ޖޯނަސް ބްރަދާސް" ގެ ޖޯ ކައިވެނިކުރީ 2019 ގަ އެވެ. ޖޯ އަކީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސްގެ އެއްބަނޑު އެއްބަފާ ބޭބެއެކެވެ.
މީޑިއާތަކުން ބުނީ ވަރިވާން ނިންމައި އެކަމާ ގުޅޭ ގޮތުން މިހާރު ޖޯ ވަކީލުން ވެސް ކަނޑައަޅައި، ކައިވެނި ރޫޅައިލުމާ ގުޅޭ ކަންކަން ފަށާފައިވާ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ދެ މީހުންގެ މެދުގައި ބޮޑެތި މައްސަލަތަކެއް ޖެހިފައި، ވަކިން އުޅޭތާ ވެސް މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ.
ސޯފީ، 27، އާއި ޖޯ، 43، ވަރިވާން އުޅޭކަމުގެ ވާހަކަތައް މިހާރު ވަރަށް ހޫނުކޮށް ދެކެވެމުން ދިޔަ ނަމަވެސް އެކަމާ ބެހޭ ގޮތުން އެ ދެ މީހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެ މީހުންނަށް ލިބިފައި ވަނީ ދެ އަންހެން ކުދިންނެވެ.
ސޯފީ އާއި ޖޯ ރައްޓެހިވީ 2016 ގަ އެވެ. އަދި 2017 ގެ އޮކްޓޯބަރުގައި އެންގޭޖްވުމަށް ފަހު، ކައިވެނިކުރީ 2019 ގެ މެއި މަހު އެވެ.