Last Updated: August 15, 14:32
Friday, August 15, 2025
ޚަބަރު

މި ވެރިކަމުގައި ފެށި ގިނަ މަޝްރޫއުތައް ހުރީ ނުނިމި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފެށި ގިނަ މަޝްރޫއުތައް ނުނިމި ދިގުލައިގެން ގޮސް ރައްޔިތުން މާޔޫސްވެފައިވާ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. މަތިވެރީގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުން އަނެއްކާވެސް ދެކެން ބޭނުންވާ ދުވަހަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނުނު ތަރައްގީ ކަމަށެވެ. މި ހިނގާ 5 އަހަރުގައި ރަށްރަށުގައި ފެށި ގިނަ މަޝްރޫއުތައް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުން މާޔޫސްވެފައިވާ ކަމަށެވެ.

ޕީޕީއެމް ޕީއެންސީން އިންތިހާބު ކާމިޔާބު ކޮށްފިނަމަ މިހެން ހުރި މަޝްރޫއުތައް ކުރިއަށް ނުގެންދާނެކަމަށް ސަރުކާރު ކޯލިޝަނުން ބުނާ ވާހަކައަށް ރައްދު ދެއްވާ މުއިއްޒު ވިދާޅުވީ އެއްވެސް ވަރަކަށް ހިނގަހިނގާ ހުރި މަޝްރޫއެއް ނުވަތަ ކުރިއަށް ގެންދިއުމަށް ނިންމާ ސޮއިކޮށްފައި ހުރި މަޝްރޫއެއްވެސް ހުއްޓާ ނުލާނެ ކަމަށެވެ.

"ހުއްޓިފަ އޮތީ މި ފަސް އަހަރު. މި ފަސް އަހަރު މިދިޔައީ ހުއްޓިގެން. އަޅުގަނޑުމެން މި އަންނަނީ ފައްޓައިގެން ބާރަށް ކުރިއަށް ގެންދަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ މަތިވެރި ފަޅުތެރޭގައި އެއާޕޯޓެއް އެޅުއްވުމަށް ވައުދުވެވަޑައިގެންފައެވެ. އަދި އެ މަޝްރޫއުގެ ތެރެއިން މަތިވެރީގެ ބިން ހިއްކާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިތިބީ ރައީސް ޔާމީންގެ ތަރައްގީގެ ލެގަސީ ކުރިއަށް ގެންދަން ކަމަށާއި ރައީސް ޔާމީން މިނިވަންކުރުމަކީ އެންމެ ފުރަތަމަވެސް ކުރާނެ ކަންތައް ކަމަށެވެ.