މި އިންތިހާބުގައި ރައްޔިތުންނަށް އޮތް ހަމައެކަނި ގޮތަކީ އެމަނިކުފާނަށް ވޯޓު ދިނުންކަމަށާއި އެނޫން ގޮތެއް ނެތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރ. މާކުރަތަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި މައިގަނޑު ގޮތެއްގައި އުޅެނީ އެމްޑީޕީއަށް ސަޕޯޓްކުރާ ރައްޔިތުންނާއި ޕީޕީއެމަށް ސަޕޯޓްކުރާ ރައްޔިތުން ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ވޯޓު ދީފިނަމަ ދެވޭނީ ކުރިން އޮތް ބިރުވެރި ނާމާން ދުވަސްވަރުގެ ތެރެއަށް ކަމަށެވެ. އެހެންކަމުން އެ އަނިޔާވެރިކަމުގެ ތެރެއަށް ދިއުމަކީ އެއްވެސް ރައްޔިތަކަށް އޮތް ޗޮއިސްއެއް ނޫންކަމަށް ވިދާޅުވިއެވެ.
"ދެން އޮތީ ދެން ތިއްބެވި ބޭފުޅުން. އޭގެތެރެއަކު ނެތް އަޅުގަނޑުމެންނާ ކައިރިއަށްވެސް އާދެވޭނެ ބޭފުޅެއް. ރަށްރަށަށް އެރީމަ އަޅުގަނޑުމެނަށް ފެނޭއެބަ ތާއީދު އޮތްވަރާ ތާއީދު ނެތްވަރު." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ދެންތިބި ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓުދީފިނަމަ އެއީ ކުރެވޭ އިސްރާފެއް ކަމަށެވެ. އަދި އެއިން ނިކުންނާނެ ނަތީޖާއެއްވެސް ނެތްކަމަށް ވިދާޅުވިއެވެ.
"އެހެންވީމަ ތިބޭފުޅުންގެ ވޯޓު ނަމަނަމަ އިސްރާފު ނުކުރައްވައްޗޭ." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ މި އިންތިހާބުގައި ރައްޔިތުންނަށް އޮތް ހަމައެކަނި ގޮތަކީ އެމަނިިކުފާނަށް ވޯޓު ދިނުން ކަމަށާއި އެނޫން އެއްވެސް ގޮތެއް ނެތްކަމަށެވެ.
ސިޔާސަތުތައް ރައްޔިތުންނަށް މިހާރު ފެންނާނެކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެހެން ކެންޑިޑޭޓުންގެ މެނިފެސްޓޯވެސް ރައްޔިތުން ބަލަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މެނިފެސްޓޯއާ ދެންތިބި ކެންޑިޑޭޓުންގެ މެނިފެސްޓޯއާ ބޮޑު ތަފާތު ހުންނާނެ ކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ގެންދަނީ ދިވެހިރާއްޖެއަށް ތަފާޓު ބޮޑު ބަދަލެއް ގެނައުމަށް ކަމަށެވެ.