އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އަނބިކަނބަލުން ޖިލް ބައިޑެން އަނެއްކާ ވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
މިކަން ހާމަކުރައްވައި އޭނަގެ ތަރުޖަމާނު އެލިޒަބަޒު އެލެގްޒެންޑާ ވިދާޅުވީ 72 އަހަރުގެ ފަސްޓްލޭޑީ ކޮވިޑަށް ޕޮޒިވިވީ އިއްޔެ ކަމަށާއި މިހާރު އިންނެވީ ކަރަންޓީނުގައި ކަމަށެވެ. ޖިލް އަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވެސް ކޮވިޑް ޖެހިވަޑައިގަތެވެ.
އޭނަ އަށް އަލުން ކޮވިޑް ޖެހުމާ ގުޅިގެން ބައިޑެން، 80، ވެސް އިއްޔެ ކޮވިޑަށް ޓެސްޓްކުރެއްވި އެވެ. އަދި ބައްޔަށް ނެގަޓިވް އެވެ. ބައިޑެން އަށް މިދިޔަ އަހަރުގެ މެދުތެރޭގައި ދެ ފަހަރެއްގެ މަތިން ކޮވިޑް ޖެހިވަޑައިގަތެވެ.
އެމެރިކާގައި އަދިވެސް އެއްކޮށް ކޮވިޑްގެ ހާލަތު ރަނގަޅު ނުވާތީ އެކަމަށް ސަމާލުވާން ވެސް ދާދި ފަހުން ކަމާބެހޭ އިދާރާތަކުން އިލްތިލާސްކޮށްފައިވެ އެވެ.
އެމެރިކާ އަކީ ކޮވިޑްގައި 2020 ގައި މުޅި ދުނިޔެ ހުއްޓުމަކަށް އައި އިރު އެ ބަލި ޖެހުނު މީހުން އެންމެ ގިނަ އަދި ބަލީގައި މަރުވި މީހުން ވެސް އެންމެ ގިނަ ގައުމެވެ. ކޮވިޑްގައި އެމެރިކާ އިން މަރުވި މީހުންގެ އަދަދު 1127152 އަށް އަރަ އެވެ.