Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

"ޕާޓީން ބޭރުކޮށްލީ ބާޣީން ގެނައުމާ މެދު ދެކޮޅުވެރިވާނެތީ"

އެމްޑީޕީގެ މެމްބަރުން. ފޮޓޯ: ކިއުންތެރިއެއް

އެމްޑީޕީއިން ވަކިކޮށްފައިވަނީ އެ ޕާޓީއަށް ބާޣީއިން ގެނައުމާ މެދު ދެކޮޅުވެރިވާނެތީ ކަން އެނގޭތީ ކަމަށް ރީކޯ މޫސަ ވިދާޅުވެއްޖެ އެވެ.

މޫސާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، 7 ފެބްރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގައި ކުރީ ބަޣާވާތެއް ކަމަށް، 8 ފެބްރުއަރީ ގައި އޮތް އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާއިން ވަނީ ނިންމާފައި ކަަމަށެވެ.

މޫސަ ވިދާޅުވެފައި ވަނީ، ބާޣީއިން އެމްޑީޕީއާ ގުޅުމަށް ގެނައުމަށްޓަކައި، އޭނާއާ މެދު ހަޤީޤަތާ ޚިލާފު ވާހަކަތައް ސޯޝަަލް މީޑިޔާގައި ފަތުރާފައި، ޕާޓީއިން ބޭރު ކޮށްލިޔަސް އެމީހުން ވާނީ ބާޣީންނަށް ކަމަށާއި އަދި ޕާޓީ އިން ބޭރުކުރީ ބަޣާވާތް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް އެމްޑީޕީއަށް ގެނައުމަށް ޤަބޫލު ނުވާނެކަން އެނގޭތީ ކަމަށެވެ.

“ހަ ކުޅި ކުރިޔަށް ކުޅުނު އިރު، ފެބްރުއަރީ 2015 ގައި ބާޣީ ލީޑަރު އެމްޑީޕީއަށް ގެންނަން ޤަބޫލު ނުވާަނެ މީހަކަށް ހުންނާނީ އަޅުގަނޑުކަން އެނގޭތީ [ޕާޓީޢިން] ބޭރުކޮށްލީ؟” މޫސަ ޓްވީޓު ކުރައްވާފައި ވެއެވެ.

މޫސަ މިހެން އިޝާރާތް ކުރައްވާފައި ވަނީ، މިދިޔަ ހަފްތާ ތެރޭގައި، ޤާާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއިން އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވާތީއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، ރައީސް ޑރ މުހައްމަދު ވަހަީދުގެ ސަރުކާރުގެ ޕޮލިސް ކޮމިޝަނަރ އަދި މިހާރު ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަކީ، ފެބްރުއަރީ 7 ވަނަ ދުވަހު އެމްޑީޕީގެ ސަރުކާރު ވައްޓާލުމުގައި އިސް ދައުރެއް އަދާކުރި ބޭފުޅުންތަކެއް ކަމަށް އެމްޑީޕީގެ އާންމު ގިނަ މެމްބަރުން ސިފަ ކުރެއެވެ.

“ކާކަށް ކާކުތޯ ވިކުނީ؟ ކެޔޮ ކޭވަރު އެނޭނީ ބިތުފަންގި ނެގީމާ. މީހުން ބަދުނާމުކޮށް ފުރައްސާރަ ކުރިޔަށް ބޯނުލަނބާ ކަންކަން ހުންނާނެ،” މޫސަ ޓްވީޓު ކުރައްވާފައި ވެއެވެ.

ރީކޯ މޫސަ އެމްޑީޕީއިން ވަކިކޮށްފައި ވަނީ، ތަކުރާރުކޮށް އެމްޑީޕީގެ ވިޕް ލައިނާ ޚިލާފުވެފައި ވާތީ ކަމަށް އެ ޕާޓީއިން ބުނި ނަމަވެސް، އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކޮށްފައި ވަނީ މޫސަ ވަނީ ސަރުކާރު ހިންގާ ޕީޕީއެމްއަށް “ވިކިފައި” ކަމަށެވެ.ނަމަވެސް ރީކޯ މޫސަ މިކަން ދޮގުކުރައްވައެވެ.