އައްޑޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރުޢޫ ކުރިއަށްދާތީ ގަމަށް ޒިޔާރަތް ކުރާ ފަރާތްތަކުން ސަމާލުވުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އިލްތިމާސްކޮށްފިއެވެ.
ގަން އެއާޕޯޓުން މިކަަމާއި ގުޅޭގޮތުން ކުރި އިއުލާނުގައި ބުނީ، މިދިޔަ ޖޫން މަހުން ފެށިގެން ގަން އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެހެން ކަމުން އެއްގަމާއި ކަނޑުގެ މަގުން ގަމަށް އަރައިފައިބާ ފަރާތްތަކަށް ކޮންމެވެސް ވަރަކަށް ދަތިތަކާއި ކުރިމަތިވެދާނެ ކަމަށެވެ. އެހެން ކަމުން މަސައްކަތުގެ ކޮންޓްރެކްޓަރ ބަހައްޓާފައިވާ ސައިން ބޯޑު ތަކަށާއި ނޯޓިސް ބޯޑުތަކަށް ސަމާލުކަން ދިނުމަށާއި މަގު ބޭނުން ކުރާއިރު ބޮޑެތި ވެހިކަލްތަކަށް ސަމާލު ވުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިން އިލްތިމާސް ކުރެއެވެ.
ހާއްސަ ސަމާލުކަމެއް ދޭންވީ ބައެއް ކަންކަން
- ކޮންސްޓްރަކްޝަން ޒޯނުގައި ދުއްވާ ބޮޑު އުޅަނދުތަކާއި ބަހައްޓާފައިވާ ބަރު އާލަތްތަކަށް ސަމާލުކަން ދިނުން
- ޒޯނުގައި ހަރުކުރެވޭ ނިޝާންތަކާއި ރައްކާތެރިވެ ސަމާލުކަން ދިނުން
- ޓްރެފިކް ނިޝާން ތަކަށް ސަމާލުވުން
- ޕްރޮޖެކްޓް ކޮންޓްރެކްޓަރ ރެނާޓަސް، އަދި އެއާޕޯޓު މުވައްޒަފުން ދޭ އިރުޝާދު ތަކަށް ޢަމަލު ކުރުން
މިމަޝްރޫޢުގެ މަސައްކަތް ކުރަމުންދަނީ ރެނާޓަސް ކުންފުނިންނެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ގަމުގެ މަގުތައް ރަގަޅު ފެންވަރަކަށް ހެދުމާއި، ޕެސެންޖަރ ޓަރމިނަލްގެ ޖާގަ އިތުރުކުރުމާއި، ކާގޯ ޓަރމިނަލް ޒަމާނީ ވަސީލަތްތަކާއި އެކު ތަރައްގީކުރުމާއި، ޑީސެލިނޭޝަން ޕްލާންޓް ހެދުމާއި މުޅިން އަލަށް ޢިމާރާތްކުރެވޭ އެއަރޕޯޓް ޓަވަރު، ރެސްކިއު އެންޑް ފަޔަރ ފައިޓިންގ ޢިމާރާތް އަދި އެޑްމިން ޢިމާރާތް ހެދުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. އަދި މީގެ އިތުރުން ގަމުގެ ޖެޓީ ބޮޑުކޮށް ފުންކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
ގަން އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ފަށާފައިވާ އެއް މަސައްކަތެވެ. އެގޮތުން ގަން އެއާޕޯޓު ތަރައްޤީގެ މަޝްރޫޢު އަކީ ދެކުނުގެ އިޤްތިޞާދީ މައިހަބެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ މުހިންމު ބައެކެވެ. މިއާއެކު މަޝްރޫޢު އެއްކޮށް ނިންމަން ހަމަޖެހިފައި ވަނީ 2025 ވަނަ އަހަރު އެވެ.
މަޝްރޫއުގެ އިތުރަށް ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިން ވަނީ ގަމުގައި ސިޓީ ހޮޓަލަކާއި، 2 ބުޓީކް ތަރައްޤީ ކުރުމަށް ވަނީ ނިންމައިފަ އެވެ. މިއީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިން ކުރަން ނިންމާފައިވާ މަސައްކަތެކެވެ.