އިކޮނޮމިކް މިނިސްޓްރީއާ އާބަންކޯ ގުޅިގެން ހުޅުމާލޭ ކޮންޓެއިނަރު ޕާކުގައި ހެދި "ކޯ-ވޯކިން ސްޕޭސް" ހުޅުވައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ކޯ ވޯކިން ސްޕޭސްއެއް ތަރައްގީ ކުރުމުގެ މައިގަނޑު މަގްސަދަކީ ސްޓާޓައަޕްތަކާއި، އަލަށް ފަށާ ވިޔަފާރިތަކަށް މަސައްކަތްތައް ކުރެވޭނެ ފަހި މާހައުލެއް ގާއިމްކޮށްދީ، އެފަދަ ވިޔަފާރިތައް ކުރިއަރުވަން ފަންނީ އެހީއާއި ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށެވެ. މިގޮތުން މިތަނުގައި 16 ވޯރކް ސްޓޭޝަން އަދި މީޓިންގ ރޫމްގެ ވަސީލަތްތައް ވަނީ ގާއިމުކޮށްފަ އެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އަލަށް ފަށާ ވިޔަފާރިތަކާއި ޒުވާނުންނަށް އަމާޒުކޮށްގެން ސީޑް ބައި ބީސީސީ ގެ ނަމުގައި ކޯ ވޯރކް ސްޕޭސް އެއް މާލޭގައި މިހާރުވެސް ދަނީ ހިންގަމުންނެވެ.
ކޮންޓެއިނަރު ޕާކްގެ ކޯ ވޯކިންގ ސްޕޭސް – އޮޕަރޭޝަންސް އަދި މެނޭޖްކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، އާބަންކޯ އަދި ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މޭ މަހުގެ ތެރޭގަ އެވެ.
މި ކޯ ވޯކިން ސްޕޭސް ބޭނުންކުރަން ގަސްތުކުރާ ފަރާތްތަކަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ކޮންސަލްޓޭޝަން އަދި އެޑްވައިޒަރީ ޚިދުމަތް މެދުވެރިކޮށް ވިޔަފާރި ތަމްރީން އަދި ވިޔަފާރި ކުރިއެރުވުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރޭގައި ބިޒްނަސް ޕްލޭނިން، މާކެޓިންގް، އިދާރީ ހިންގުން، ހިއުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝަލް ޕްލޭނިން އަދި ބުކްކީޕިން ފަދަ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. ކޯ-ވޯކިން ސްޕޭސްގެ މެނޭޖްމަންޓް އަދި އޮޕަރޭޝަނަލް މަސްއޫލިއްޔަތް ބަލަހައްޓާނީ އާބަންކޯ އިންނެވެ.