މޫނު ނިވާކޮށްގެން ތިބި ބަޔަކު ސ.ހިތަދޫ ދެ ގެއަކަށް ހުކުރު ދުވަހުގެ ރޭ ދަންވަރު ހަމަލާދިނީ މާރާމާރީގެ މައްސަލައަކާއި ގުޅިގެން ކަމަށް އައްޑޫ ލައިވަށް މައުލޫމާތު ލިބިއްޖެ އެވެ.
![]()
ބައެއް މީޑިޔާތަކުގައި ހަމަލާދިން ދެގޭގެ ތެރެއިން ޚަރީފީގެ އިން މައުލޫމާތު ދިން މީހަކާއި ހަވާލާދީ ބުނެފައިވަނީ އެއީ "ސިޔާސީ ހަމަލާއެއް" ކަމަށެވެ. "މި ދެގޭގައި ވެސް ދިރިއުޅެނީ އެމްޑީޕީއަށް ނިސްބަތްވާ މީހުންކަމުން އެމީހުން ގަބޫލުކުރަނީ މިއީ އިދިކޮޅު ޕާޓީއަކުން ގަސްތުގައި ދީފައިވާ ހަމަލާއެއް. " ގްރޫޕަކުން ހަމަލާދިން ދެ ގޭގެ ތެރެއިން ޙަރީފީގޭގެ މީހަކު ބުނިކަމަށް ބައެއް މީޑިޔާ ތަކުން ރިޕޯޓް ކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މަޞްރަޙް ހަލަބޮލިވަމުންދާ ދަނޑިވަޅެއްގައި ހިތަދޫގެ ދެގެއަކަށް ބަޔަކު މީހުން ދަންވަރު ވަދެ ދިން ޙަމަލާއަކީ "ސިޔާސީ" ކަމެއްގެ ގޮތުގައި ގެއްލުން ލިބުނު ދެ ގޭގެ ތެރެއިން އެއް ގެއަކުން ތުހުމަތު ކުރުމުން އައްޑޫ ލައިވްގެ ފަރާތުން ވަނީ މިކަން ހިނގާ ދިޔަގޮތް ހޯދުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ.
ސިޔާސީ ހަމަލާއެއް ؟
ލަޓިބުރި އާއި ތޫނު ހަތިޔާރު ހިފައިގެން ގޮސް ހަމަލާދިން ދެގޭގައި އުޅެނީ ސިޔާސީ މީހުން ހެއްޔެވެ ؟ ހިތަދޫ މެދު ދާއިރާގެ ޕީޕީއެމްގެ އިސްކޮށް އުޅުއްވާ އެކްޓިވިސްޓަކު އައްޑޫ ލައިވަށް މަޢުލޫމާތު ދެމުން ބުނި ގޮތުގައި ހަޒާރުމާގޭގައި އުޅޭ އެއްވެސް މީހަކު މީގެ ކުރިން ސިޔާސީ ޙަރަކާތްތަކުގައި އުޅެފައި ނުވެއެވެ. ނަމަވެސް އޭނާ ބުނި ގޮތުގައި ޚަރީފީގޭގައި އެމްޑީޕީގެ ދެ އެކްޓިވިސްޓަކު އުޅޭ ކަމަށެވެ.
އެމްޑީޕީގެ އަންހެން އެކްޓިވިސްޓަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނީ އެއީ ސިޔާސީ ހަމަލައެއް ކަމަށް އޭނާއަށް ވެސް ޤަބޫލު ނުކުރެވޭ ކަމަށެވެ.
" ސިޔާސީ ހަމަލައެކޭ ސީދާ ނުބުނެވޭނެ. ސަބަބަކީ ދެ ގޭގެ ތެރެއިން ޚަރީފީގޭގެ 2 ބޭފުޅަކު އާންމުކޮށް ސިޔާސީ ޖަލްސާތަކަށް ގޮސް މިއުޅެނީ. ނަޖުމާ އާއި އައިޝަތު ދީދީ އަކީ އަނެއްހެން އެހެން ޕާޓީ މީހުންނާ ބެހޭ ބައެއް ނޫން.ހަޒާރުމާގޭގެ މީހުން އެއްވެސް ގޮތަކަށް ނޫޅޭ ސިޔާސީ ކަމަކު.ބޮޑަށް ހީވަނީ ގޭންގު ކަމެއް ހެން." ޙަރީފީގޭގެ މީހުންނާއި ގާތް ގުޅުމެއް އޮންނަ އެމްޑީޕީގެ އެކްޓިވިސްޓް ބުންޏެވެ.
ސިޔާސީ ގޮތުން ދިން ހަމަލާއެއް ނޫން ކަމަށް ބުނެވޭނެ ބައެއް ސަބަބުތަކުގެ ތެރޭގައި ޚަރީފީގޭގައި ދިރިއުޅޭ ކުއްޖަކު އިސްވެ އުޅޭ ގޭންގެއް އެގޭގެ ތެރޭގައި ބައެއް ފަހަރު ހަރަކާތްތެރިވުން ހިމެނެއެވެ
އެ ދެގޭގެ އަވަށްޓެރިންގެ ތެރެއިން މަޢުލޫމާތު ދިން ގިނަ މީހުން ވެސް އިއްތިފާޤު ވަނީ އެއީ ގޭންގް މައްސަލައެއްގައި ދިން ޙަމަލަ އެއް ކަމަށެވެ.
" މީ ސިޔާސީ ކަމެއް ނޫން.ޚަރީފީގޭގެ ކުއްޖަކާއި ހަޒާރުމާގޭ ކުއްޖަކު އިސްކޮށް އުޅޭ ގޭންގެއް އޮންނާނެ މި ހިސާބުގަ.މަށަށް ހީވަނީ އެކަހަލަ ކަމެއްހެން ހިނގައިގެން މިއުޅެނީ. ދެން މީގަ ފުލުހުންގެ މަސައްކަތް އަސްލުވެސް ރަނގަޅެކޭ ނުބުނެވޭނެ..އެމީހުންނަށް އެނގޭނެ މިކަން މާކުރިން ވެސް، ސަބަބަކީ މިގެއަށް ހަމަލާ ދޭން ނިއުޔާ ނައިޓްގަ ވެސް ގްރޫޕަކުން އުޅުނު ކަން މިހިސާބު އެންމެން ދަންނާނެ" ޙަރީފީގެއާއި ކައިރި ގެއެއްގައި ދިރިއުޅޭ މީހަކު ބުންޏެވެ.
ގޭންގް ހަމަލާއެއް! އެކަމަކު ކީއްވެ ؟
ފޭސްބުކްގެ ޒަރިއްޔާއިން ހޯދިފައިވާ ހޯދުންތަކާއި ހިތަދޫގެ ބައެއް ޒުވާނުންގެ ފަރާތުން ލިބުނު މައުލޫމާތު ތަކުގެ އަލީގައި ހިތަދޫގެ 2 ގެއަކަށް ގެއްލުންދީފައިވަނީ ކުރިން ހިނގި މާރާމާރީ އެއްގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ފާހަގަ ކުރެވެއެވެ.
ހިތަދޫގައި ހަރަކާތްތެރިވާ ދެ ގޭންގް ގެ ދެމެދުގައި މިދިޔަ އަހަރު މާރާމާރީ އެއް ހިންގާފައި ވެއެވެ. އެ މާރާމާރީ އަށް ފަހު އެއް ގޭންގުން އަނެއް ގޭންގްގެ މީހުންނަށް ހަމަލާ ދިނުމަށް ވަނީ ފާރަލާފައެވެ. ނަމަވެސް އައްޑޫ ސިޓީ އަށް އެސް.އޯ ފުލުހުން އައުމާއި އެކު މާރާމާރީގެ ސިލްސިލާ ތަކަށް ހުއްޓުމެއް އައީ ކަމަށް ހިތަދޫގެ ގިނަ ބަޔަކު ބުނެއެވެ.
ހުކުރު ދުވަހުގެ ރޭ ދެ ގެއަށް ހަމަލާދީފައި ވަނީ މާލޭގައި އެދެ ގޭންގަށް ނިސްބަތްވާ ބަޔަކު އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދިނުމުން ކަމަށް އައްޑޫ ލައިވަށް މައުލޫމާތު ލިބިފައިވެއެވެ.
ނަމަވެސް މުޢުތަބަރު ގޮތެއްގައި އައްޑޫ ލައިވަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހަފްތާގައި މާލެއިން ހިތަދޫގެ ބަޔަކަށް ހަމަލާދީ މާރާމާރީ ހިންގި ގްރޫޕްގައި ޙަރީފީގެ އަށް ނިސްބަތްވާ ކުއްޖަކާއި ހަޒާރުމާގޭގެ ކުއްޖަކު ހިމެނެއެވެ. އެހެންކަމުން އެ ދެގެއަށް ހަމަލާދިނީ މާރާމާރީ އާއި ގުޅިގެން ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.
2 ގެއަށް ދިން ހަމަލާ އަކީ ރަޙުމް ކުޑަ އަމަލެއް
މިދިޔަ އަހަރު މަރަދޫގެ ގެއަކަށް ގްރޫޕަކުން ވަދެ ދިން ޙަމަލާ އާއި ދާދި އެއްގޮތަކަށް ރޭވިގެން ހިތަދޫގެ ދެގެއަކަށް ދިން ހަމަލާއަކީ ވަރަށް ރަޙުމް ކުޑަ ޢަމަލެކެވެ.
ހިތަދޫ ޚަރީފީގެ އާއި ގުލްހަޒާރުމާގެ އަށް ރޭ ދަންވަރުގެ ވަގުތެއްގައި ހަމަލާދިން މީހުން ވަނީ ގޭގެ ކުޑަދޮރުތަކާއި މައިދޮރުވެސް ހަލާކުކޮށްލާފައެވެ. ތޫނު ހަތިޔާރާ އެކީ ގެއަށް ހަމަލާދިން މީހުން ޚަރީފީގޭގެ ކުޑަދޮރުގެ ހުރިހާ ބިއްލޫރިއެއް ތަޅާލާފައިވާއިރު ގުލްހަޒާރުމާގެ މައިދޮރު ވަނީ އެކީގައި ހަލާކުކޮށްލާފައެވެ.
ޙަރީފީގޭގެ ދޮރަށް ޙަމަލާދިން ގަޑީގައި އެގޭގެ ސިޓިން ރޫމްގައި ބަހައްޓާފައި ހުރި އެނދެއްގައި ޙާއްސަ އެހީއަށް ބޭނުންވާ ކުއްޖަކުވެސް ނިދާފައި އޮތެވެ. އެގެއިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެކުއްޖާއަށް ވެސް ވަނީ ނަފްސާނީގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
" އެމީހުން ވަނަ ނުދޭން ދޮރުގެ ދެފަރާތުގައި ބައްޕަ އަތްއަޅައިގެން އެތެރޭގައި ހުއްޓާ ތޫނު އެއްޗަކުން ޖަހާ ދޮރު ފޫވައްޓާލީ. އެވަގުތު ބައްޕަގެ އަތުގެ އުޅަބޮށްޓަށްވެސް އެތިފަހަރު އެރި. އުޅަބޮށިންވެސް ތަންގަނޑެއް ކަނޑައިގެން ދިޔަ. އެކަމަކުވެސް އެމީހުން ދޫކޮށެއްނުލާ. ދޮރު ވެއްޓެންދެން ތެޅީ. ދެން އަހަރެން ތެދުވެގެން އައީމައި އެމީހުން ދުވެގޮސް ފިލީ " ހަޒާރުމާގެއިން ވާހަކަދެއްކި މީހަކު ބުންޏެވެ.
ދެގެއިން ވެސް ވާހަކަ ދެއްކި މީހުން ބުނެފައިވަނީ ހަމަލާދިނީ ކޮންބައެއްކަން އެނގޭ ކަމަށާއި ނަމަވެސް ފުލުހުންނަށް އެބަޔަކު ހޯދިފައި ނުވާ ކަމަށެވެ.ހިތަދޫ ޕޮލިސް ސްޓޭޝަނަށް މިކަމާއި ބެހޭ މައުލޫމާތު ހޯދުމަށް ގުޅާލުމުން އެފަރާތުން ވަނީ މައްސަލައާއި ގުޅޭ މައުލޫމާތު ފަހުން މީޑިއާއަށް ހާމަ ކުރާނެ ކަމަށް ބުނެފައެވެ.
ކަމާއި ބެހޭ ފަރާތްތައް ނިދާފައި ؟
ހިތަދޫގެ 2 ގެއަކަށް ދިން ލާއިންސާނީ ހަމަލާއަށް ފަހު ކަންބޮޑުވެވަޑައިގަތުމެއް ފެނިވަޑައިގަތީ ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީގެ ފަރާތްޕުޅުން އެކަންޏެވެ. އޭނާ ވަނީ އެގޭގެއަށް ޒިޔާރަތްކޮށް އެމީހުންގެ ހާލު ބައްލަވާފައެވެ. އެބޭފުޅާ ފިޔަވައި 2 ގޭގެ މީހުންގެ ހާލު ބަލައިލަން ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ ބަޔަކު ވެސް ނުދާ ކަމަށް ވެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފީހެއް އައްޑޫގައި ހުޅުވާފައި އެބަހުއްޓެވެ. ބޮޑު ނަންބޯޑެއް އަޅުވައިގެން އެބޭފުޅުން ތިއްބަވަނީ އެވެ. އެންމެ ކުޑަ މިނުން އެހަމަލާ ކުށްވެރި އެއްވެސް ނުކުރެވުނެވެ. އަދި ކީއްތޯ އެވެ ! އަނިޔާ ލިބުނު މީހުންގެ ހާލު ބަލަންވެސް އެ ކޮމިޝަނަކަށް ނުދެވުނެވެ.