Last Updated: July 18, 13:50
Saturday, July 18, 2026
ދުނިޔެ

އިންޑިއާގެ ނަން "ބާރަތު" އަށް ބަދަލު ކުރަނީ؟

ދެކުނު އޭޝިއާގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑިއާގެ ނަން "ބާރަތު" އަށް އެ ގައުމުގެ މިހާރުގެ ސަރުކާރުން ބަދަލުކުރަން އުޅޭ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.

މި ތުހުމަތު ކުރެވެން ފެށީ އަންނަ ހަފުތާގައި އިންޑިއާގައި ބާއްވާ ޖީ-20 ސަމިޓްގެ ބައިވެރިންނަށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފަރާތުން މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ދެއްވާ ރޭގަނޑު ފަރިއްކޮޅެއްގެ ދައުވަތު ކާޑުގައި "ދަ ޕްރެޒިޑެންޓް އޮފް ބާރަތު" ލިޔެފައި އޮތުމާ ގުޅިގެންނެވެ.

"ބާރަތު" އަކީ ގައުމަށް ނިސްބަތްކޮށް އިންޑިއާ އިން ބޭނުންކުރާ ބަހެކެވެ. އަދި މި ބަސް އާންމުކޮށް ބޭނުން ކުރަނީ އިންޑިއާގެ ހިންދޫންގެ މެދުގަ އެވެ.

ހަރުކަށި ހިންދޫ ފިކުރު ގެންގުޅުއްވާ މޯދީގެ ދައުވަތު ކާޑުގައި "ބާރަތުގެ ރައީސް" ލިޔެފައި ވަނިކޮށް، ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާނު ސަމްބިިޓް ޕަތުރާ ޓްވިޓާގައި އާންމުކުރި އެހެން ދައުވަތެއްގައި ވެސް "ބާރަތު" ގެ ވާހަކައާ ގުޅިގެން އިދިކޮޅު ދައްކާ ވާހަކަ އަށް ބާރު ލިއްބައިދޭ ކަހަލަ ލިޔުމެއް ހިއްސާކުރައްވާފައިވެ އެވެ. އެއީ މާދަމާ އިންޑޮނީޝިއާގައި ފަށާ 18 ވަނަ އާޝިއާން ސަމިޓަށް މޯދީ ވަޑައިގަންނަވަން އޮތް ދައުވަތު ކާޑެވެ.

އޭގައި ވެސް ވެސް ލިޔެފައި އޮތީ "ބާރަތުގެ ބޮޑުވަޒީރު" އެވެ.

އިންޑިއާގެ ނަން "ބާރަތު" އަށް ބަދަލުކުރަން އުޅޭ ކަމަށް އިދިކޮޅު ތުހުމަތުކޮށްފައި މި ވަނީ ސަރުކާރާ ދެކޮޅަށް "އިންޑިއާ" ގެ ނަމުގައި ބޮޑު އިއްތިހާދެއް ވެސް އެކުލަވާލައިފަ ވަނިކޮށެވެ. އިދިކޮޅު 26 ޕާޓީީއެއް އެކުލެވޭ "އިންޑިއާ" އިއްތިހާދުގެ ދިގު ގޮތަކީ އިންޑިއަން ނެޝަނަލް ޑިވެލޮޕަންޓަލް އިންކްލޫސިވް އެލަޔަންސް (އިންޑިއާ) އެވެ.

އިންޑިއާގެ ނަން "ބާރަތު" އަސް ބަދަލުކުރަން އުޅޭ ކަމަށް ބުނާ ވާހަކަ އިންޑިއާގެ މީޑިއާތަކުގައި މިހާރު ދަނީ ވަރަށް ހޫނުކޮށް ދެކެވެމުންނެވެ. އަދި ބީޖޭޕީ އަށް ނިސްބަތްވާ ގިނަ ބަޔަކު ދަނީ މިކަމަށް ތާއީދުކުރަމުންނެވެ.

އޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ އެއް ގައުމު ކަމަށްވާ އިންޑިއާ އަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމެވެ. އަދި އެއީ ދުނިޔޭގެ ވަރަށް ނުފޫޒު ގަދަ ގައުމެކެވެ.