Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ވައިއާރްއެފްގެ ސްޕައި ޔުނިވާސް އަށް އުންމީދުކުރަން

ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ސްޓޫޑިއޯ ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) ގެ "ސްޕައި ޔުނިވާސް" ގެ ފިލްމެއް ކުޅެން ބޭނުންވާ ކަމަށް ޒުވާން އެކްޓަރު އަޔޫޝްމަން ކްރާނާ ބުނެފި އެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމު "ޑްރީމް ގާލް 2" ބޮކްސް އޮފީހުގައި ހޯދަމުން އަންނަ ކާމީޔާބީގެ ތެރެއިން ޕިންކްވިލާ އަށް ދިން އިންޓަވިއުއްގައި ހުނަރުވެރި އެކްޓަރު ބުނީ މިހާރު އެންމެ އުންމީދު ކުރެވެނީ ވައިއާރްއެފްގެ "ސްޕައި ޔުނިވާސް" ގެ ފިލްމަކަށް ކަމަށެވެ.

އޭނަ ބުނި ގޮތުގައި އެކްޝަން ރޯލެއް ކުޅުމުގެ ޝައުގުވެރިކަން އަނެއްކާ ވެސް ވަރަށް ބޮޑެވެ. އެގޮތުން މިދިޔަ އަހަރުގެ އެކްޝަން ފިލްމު "އޭން އެކްޝަން ހީރޯ" އަށް ފަހު، އެ ޖޯންރާގެ ފިލްމެއް އަނެއްކާ ވެސް ތަޖުރިބާކޮށްލަން ބޭނުންވާ ކަމަށް ބުންޏެވެ.

"އެގޮތުން ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ޕްރޮޖެކްޓަކަށް އެބަ އުންމީދުކުރަން. އަހަންނަށް ހީވަނީ އަހަރެން އެބަޖެހޭ މިކަމާ ބެހޭ ގޮތުން އާދީ ޕްރޮޑިއުސަރު [އަދިތިޔާ ޗޯޕްޅާ] އަށް ގުޅާލައި ވާހަކަ ވެސް ދައްކާލަން." މިހާތަނަށް ވަރަށް ތަފާތު ކޮންސެޕްޓްތަކުގެ ކާމިޔާބު ފިލްމުތަކެއް ކުޅެ، ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އަޔޫޝްމަން ބުންޏެވެ.

އޭނަ ބުނި ގޮތުގައި "ސްޕައި ޔުނިވާސް" ގެ ފިލްމެއްގައި ކުޅެން އެންމެ ބޮޑަށް ޝައުގުވެރި ވަނީ ނެގަޓިވް ރޯލެކެވެ.

އަޔޫޝްމަން އަކީ މީގެ ކުރިން އެއްބަސްވުމެއްގެ ދަށުން ވައިއާރްއެފްގެ ތިން ފިލްމެއް ކުޅެފައިވާ އެކްޓަރެކެވެ. އެ ތިން ފިލްމަކީ 2014 ގެ "ބޭވަކޫފިޔާ" އާއި 2015 ގެ "ދަމް ލަގާ ކޭ ހައިޝާ" ގެ އިތުރުން 2017 ގެ "މޭރީ ޕިޔާރީ ބިންދޫ" އެވެ.

ވައިއާރްއެފްގެ "ސްޕައި ޔުނިވާސް" ގެ ފިލްމުތަކުގެ ތެރޭގައި ހިމެނެނީ ސަލްމާން ޚާންގެ "ޓައިގާ" ފްރެންޗައިޒާއި ރިތިކް ރޯޝަންގެ "ވޯ" ފްރެންޗައިޒްގެ އިތުރުން ޝާހްރުކް ޚާންގެ "ޕަތާން" އެވެ. "ޓައިގާ 3" އަންނަ ނޮވެމްބަރު މަހު ރިލީޒްކުރާ އިރު، "ވޯ 2" އާއި ބަތަލާއިންތަކެއް ލީޑްކުރާ ސްޕައި ފިލްމެއް ހެދުމަށް ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

"ސްޕައި ޔުނިވާސް" ގައި ބަތަލާއިން ލީޑްކުރާ ފިލްމުގެ ތަރިންނަކީ އާލިއާ ބަޓާއި ޝަރްވާރީ ވާގް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދެހާސް ބާރައިގެ "ވިކީ ޑޯނާ" އިން ބޮލީވުޑަށް ނުކުތް އަޔޫޝްމަންގެ އެންމެ ފަހުގެ ފިލްމު "ޑްރީމް ގާލް 2" ގައި އޭނަ ކުޅެފައި ވަނީ އަންހެން ހެދިގެން އުޅޭ ކެރެކްޓާއެކެވެ.