އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި 368 މިލިއަން ރުފިޔާ އަށް ވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި އެވެ.
ފުލުހުން ބުނީ މިއަދު ދޫނިދޫގައި މިއަދު ނައްތާލީ 2018 އިން ފެށިގެން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 232 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަމަށެވެ. އެއީ 1،509 މައްސަލަ އާއި 659 އިންސިޑެންޓުގައި ހިމެނޭ 4،405 އެވިޑެންސެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ 1،495.97 ގްރާމާއި މެތުގެ 37،953.49 ގްރާމާއި މޯފިން 908،60.86 ގްރާމާއި ކެނަބިނޯލްގެ 302،66.87 ގްރާމާއި ކޮކެއިންގެ 17،830.90 ގްރާމާއި އެލްއެސްޑީ 0.1142 ގްރާމްގެ އިތުރުން އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 541،45.42 ގްރާމްގެ މަސްތުވާތަކެއްޗެވެ.
އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސްޓިމިއުލަންޓާއި މަނާ ބޭހުގެ ގޮތުގައި ހިމެނޭ ތަކެއްޗެވެ.
މި ތަކެތި ނައްތައިލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.