Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ޝާހްރުކްގެ "ޖަވާން" ސިނަމާތަކަށް ގެނެސްފި

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ އާ ފިލްމު "ޖަވާން" މިއަދު ސިނަމާތަކަށް ގެނެސްފި އެވެ.

އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި މި ފިލްމު މިއަދު ދައްކަން ފެށި އިރު، މިއީ މި އަހަރުގެ ބޮލީވުޑްގެ އެންމެ އުންމީދީ އެއް ފިލްމެކެވެ. "ޖަވާން" އަކީ ޖެނުއަރީގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި ޝާހްރުކްގެ "ޕަތާން" ގޮތަށް އެކްޝަން ތުރިލާއެކެވެ. އޭނަ ޑަބަލް ރޯލެއް ކުޅެފައިވާ އަދި ތަފާތު ގިނަ ލުކްތަކެއްގައި ފެންނާނެ މި ފިލްމުގެ ޑައިރެކްޓަރަކީ ތަމަޅަ ޑައިރެކްޓަރު އެޓްލީ އެވެ.

ގިނަ ބަޔަކު "ޖަވާން" އަށް ކުރަމުން އައި އިންތިޒާރު މިއަދު ނިމުމަމަށް އައުމާ އެކީ ޝާހްރުކްގެ ވަރަށް ގިނަ ފޭނުންނާއި އިންޑިއާގެ ވަރަށް ގިނަ ކްރިޓިކުން މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ފިލްމު ރިވިއުކުރަމުންނެވެ.

އެގޮތުން ގިނަ ބަޔަކު ފާހަގަކޮށްފައިވާ ގޮތުގައި މިއީ "މާސް އޯޑިއަންސް" ބޭނުންވާނެ ހުރިހާ ރަހަތަކެއް ހެޔޮވަރު އެންޓަޓައިޓަނާއެކެވެ. އަދި "ޖަވާން" ގެ އެންމެ ހާއްސަ އެއް ކަމަކީ މީގެ އެކްޝަން މަންޒަރުތައް ކަމަށް ވެސް ފިލްމު މިހާތަނަށް ބެލި ބައެއް މީހުން ބުނެފައިވެ އެވެ.

"ޖަވާން" ގެ ކާސްޓަޑް ބަލާ އިރު، މިއީ ބޮލީވުޑާއި ދެކުނުގެ ތަރިންތަކެއްގެ މުސްހުނި ކާސްޓެއް އެކުލެވޭ އެއްޗެކެވެ. މީގެ ބަތަލާ އަކީ ދެކުނުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ސާނިއާ މަލްއުތުރާ، ސުނިލް ގްރޯވާ، ވިޖޭ ސެތުޕަތީ، ޕްރިޔާމަނީ، ޔޯގީ ބާބޫ، ރިދިމާ ޑޮގްރާ އަދި އާސްތާ އަގަރްވާލް ހިމެނެ އެވެ. މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުންތަކުން ސަންޖޭ ދަތާއި "ޕަތާން" ގެ ބަތަލާ ދީޕިކާ ޕަދްކޯންގެ އިތުރުން ތަމަޅަ އެކްޓަރު ވިޖޭ ވެސް ހިމެނެ އެވެ.

"ޖަވާން" އަކީ 300 ކްރޯޑް ރުޕީސް (36.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ އެއްޗެކެވެ.

ގިނަ ބަޔަކު މިހާރު އެންމެ ބޮޑަށް ބަލަން ބޭނުން ވަނީ މިދިޔަ މަހުގެ 11 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި 500 ކްރޯޑް ރުޕީސް (60.2 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި އަދި މިހާރު ވެސް ސިނަމާތަކުގައި ފޯރިގަދަކޮށް ކުރިއަށްދާ ސަނީ ޑިއޯލްގެ "ގަދަރު 2" ގެ ރެކޯޑް ޝާހްރުކަށް ފަހަތަށް ޖައްސައިލެވޭނެތޯ ބެލުމެވެ.