ހިތަދޫގައި ރޭ ދެ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މައުލޫމާތު ލިބިފަިއވާ ގޮތުގައި ރޭ 22:45 ހާއިރު ހިނގި ހާދިސާގައި ބިދޭސީންނަށް ހަމަލާ ދީފައިވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ ޝީޝާ ފިހާރަ ސަރަހައްދުގައިއެވެ. މި ހާދިސާގައި އެކަކަށް ސީރިއަސް އަނިޔާ ލިބިފައިވާ އިރު ދެވަނަ މީހާ މިހާރު ވަނީ ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައެވެ.
މިހާދިސާގައި ސީރިއަސް ގެއްލުން ލިބުނު ބިދޭސީ އޮތީ ޝީޝާ އާއި ދިމާލު ޕޭވްމަންޓް މަތީގައި ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ. އަދި އެމީހާގެ ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ފައިބާފައި ހުރި ކަމަށް ވެއެވެ.
މި ހާދިސާ އާއި ގުޅިގެން އަދި މިހާތަނަށް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އަދި މައުލޫމާތު ލިބިފައި ނުވެއެވެ.
ނަމަވެސް މައްސަލަ އިތުރަށް ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.