ކެނެޑާގެ މަޝްހޫރު މިއުޒިކީ ފަންނާނު ޑްރޭކްގެ އާ އަލްބަމް "ފޯ އޯލް ދަ ޑޯގްސް" މި މަހުގެ 22 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
އޭނަގެ 8 ވަނަ ސްޓޫޑިއޯ އަލްބަމް އެ ތާރީހުގައި ރިލީޒްކުރާކަން އިއުލާންކުރީ އިންސްޓަގްރާމް ވީޑިއޯއެއްގަ އެވެ. ދުނިޔޭގެ އެންމެ ނުފޫޒު ގަދަ މިއުޒިކީ ފަންނާނުންގެ ތެރޭގައި ޑްރޭކް، 36، ގެ "ފޯ އޯލް ދަ ޑޯގްސް" ނެރެނީ ރިޕަބްލިކަން ރެކޯޑްސްގެ ތައްގަނޑާ އެކީގަ އެވެ. މި އަލްބަމްގެ ބައެއް ލަވަތަކުގައި އޭނައާ އެކީ ހިއްސާވެފައިވާ ފަންނާނުންގެ ތެރޭގައި ނިކީ މިނާޖާއި ބޭޑް ބަނީ ހިމެނެ އެވެ.
އާ އަލްބަމް ނެރެން ތައްޔާރީތައް ވަމުން އަންނަ އިރު، މީގައި ހިމެނޭ ލަވަތަކުގެ ތެރެއިން "ސާޗް އެންޑް ރެސްކިއު" މިދިޔަ އެޕްރީލް މަހުގެ ކުރީކޮޅު އާންމުކޮށްފައިވެ އެވެ.
"ފޯ އޯލް ދަ ޑޯގްސް" އަކީ ޑްރޭކާއި 21 ސަވޭޖް ގުޅިގެން މިދިޔަ އަހަރު ގެނެސްދިން "ހާ ލޮސް" ގެ ފޮލޯ އަޕެކެވެ. ޑްރޭކް އެންމެ ފަހުން ނެރުނު ސްޓޫޑިއޯ އަލްބަމަކީ މިިދިޔަ އަހަރުގެ "އޮނެސްޓްލީ، ނެވަމައިންޑް" އެވެ.
މިހާތަނަށް ފަސް ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ޑްރޭކް މިއުޒިކީ ދާއިރާ އިން އެތައް އެވޯޑެއް ހޯދާފައިވެ އެވެ.