ރިޔާސީ އިންތިހާބާ ގުޅޭ އިންތިހާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހައިކޯޓުން މުހިންމު ފިޔަވަޅުތަކެއް އަޅައިފިއެވެ.
އިންތިހާބުތަކާބެހޭ އާންމު ޤާނޫނުގެ ދަށުން އިންތިހާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާފައި ބެލުމުގެ އިހްތިސާސް ލިބިގެންވަނީ ހައިކޯޓަށެވެ. އެހެންކަމުން ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބާ ގުޅޭ އިންތިހާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ހައިކޯޓުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން ސެޕްޓެމްބަރު 9 އަދި 10 ވަނަ ދުވަހު ހެނދުނު 09:00 އިން ރޭގަނޑު 22:00 އަށް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ބެހެއްޓުމަށް ވަނީ ނިންމާފައވެެ. އަދި ސެޕްޓެމްބަރު 11 އިން ފެށިގެން އިންތިހާބީ ޝަކުވާގެ މައްސަލަ ހުށަހެޅުމަށް އޮތް މުއްދަތު ހަމަވާންދެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 15:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށް ހައިކޯޓޫގެ ކައުންޓަރު ހުޅުވާފައި ބެހެއްޓުމަވެސް ވަނީ ނިންމާފައެވެ.
ރިޔާސީ އިންތިޚާބާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ޚިދުމަތް ދިނުންhttps://t.co/uQfRDGru2t pic.twitter.com/s9u3AOKSXX
— Ameen Faisal (@HighCourtMedia) September 7, 2023
ހައިކޯޓުން ބުނެފައިވަނީ ކޯޓު ހުޅުވާފައި ހުންނާނެ ކަމަށް ބަޔާންކޮށްފައިވާ ގަޑިތައް ފިޔަވަވައި އެހެން ގަޑިތަކުގައި މިފަދަ މައްސަލައެއް ހުށަހެޅުމަށް ނުވަތަ މައުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ 7902206 ނަންބަރު ފޯނުން ހައިކޯޓާއި ގުޅުއްވައިގެން ކުރިއަށްގެންދެވިދާނެ ކަމަށެވެ.