އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޒިޔަތުގެ މައްޗަށް 3 ދައުވާއެއް ކުރުމަށް 04 ސެޕްޓެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ. ޒިޔަތުގެ މައްޗަށް ކޮށްފައިވަނީ ޚިޔާނާތްތެރިވުމުގެ ތިން ދަައުވާއެވެ.
ދައުވާތަކުގެ ތަފްސީލު:
1. އެމްއެމްޕީއާރސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ޒިޔަތު ހުރެ، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރްސީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ޑޮލަރު ހޯދައިދުނުމުގެ ނަމުގައި އެ ކުންފުނިން އެކި ފަހަރުމަތިން ދިވެހި ރުފިޔާ ހޯދައި، އެފައިސާތަކުގެ ތެރެއިން 203,784,546.30 (ދުއިސައްތަ ތިން މިލިއަން ހަތްސަތޭކަ އައްޑިހަ ހަތަރު ހާސް ފަސްސަތޭކެ ސާޅީސް ހަ ރުފިޔާ ތިރީސް ލާރި) އެކި ކުންފުނިތަކަށް ދޫކޮށް، އެ ފައިސާތަކަށް ޚިޔާނާތްތެރިވެފައިވުން.
2. އެމްއެމްޕީއާރސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ޒިޔަތު ހުރެ، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރސީގެ ޑޮލަރު އެކައުންޓުގައި ހުރި ފައިސާތައްކެއް އަމިއްލަ އެކި ކުންފުނިތަކަށް ލޯނުގެ ނަމުގައި ދޫކޮށް، އެ ކުންފުނީގެ 6,850,000 (ހަ މިލިއަން އަށް ލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވެފައިވުން.
3. އެމްއެމްޕީއާރސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ޒިޔަތު ހުރެ، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ތެރޭގައި މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޮމްޕެނީ (އެމްޓީޑީސީ) އިން އެމްއެމްޕީއާރސީއަށް ލޯނުގެ ގޮތުގައި 1,000,000 (އެއް މިލިއަން) އެމެރިކާ ޑޮލަރު ހޯދައި، އެ ފައިސާތައް އަމިއްލަ ކުންފުންޏަކަށް ދޫކޮށް، އެ ފައިސާތަކަށް ޚިޔާނާތްތެރިވެފައިވުން.
ޕީޖީން ބުނެފައިވަނީ މި ދައުވާތަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޒިޔަތާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާކަމަށެވެ. އަދި އެމް.އެމް.ޕީއާރސީގެ ޚިޔާނާތުގައި ހިމެނޭ ފައިސާއެއް ނުވަތަ މުދަލެއް ދައުލަތަށް އަނބުރާ ނެގުމަށް، ހިންގޭ އިދާރީ ނުވަތަ މަދަނީ އެންމެހައި އިންތިޒާމުތަކާއި، ތަހުޤީޤުތަކާކުގައި އެއްބާރުލުން ދިނުމަށާއި، އެ ފައިސާ ނުވަތަ މުދާ ދައުލަތަށް އަނބުރާ ހަވާލުކުރުމަށް މި އެއްބަސްވުމުގެ ދަށުން ޒިޔަތު އެއްބަސްވެފައިވާ ކަމަށްވެސް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.
މި ތިން ދައުވާއަށް ޖުމްލަ 12 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅުމަށް ޒިޔާތާއި ދައުލަތާމެދު އެއްބަސްވެފައިވެއެވެ.
އެގޮތުން މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޒިޔަތުގެ މައްޗަށްކުރި ހިޔާނާތްތެރިވުމުގެ ކުށުގެ 3 ދައުވާއަށްވެސް އިއުތިރާފުވެފައިވާތީ, އިއުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަނެ އެއްބަސްވުމުގައިވާގޮތަށް އަދަބު ކަނޑައަޅައި ޒިޔަތުގެ މައްޗަށް ވަނީ 12 އަހަރުގެ ހުކުމެއް ކޮށްފައިވެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގައި މީގެކުރިން ޒިޔަތަށް ކުރި ދައުވާތަކަށް އިއުތިރާފު ވުމުން އޭނާގެ މައްޗަށް އޮތީ 20 އަހަރުގެ ހުކުމެއް އިއްވާފައެވެ. އެހެންނަމަވެސް ޒިޔަތު މިވަގުތު ހުރީ ގެއަށް ބަދަލުކޮށްފައެވެ.