ރާއްޖެއިން އިންޑީއާ ސަރުކާރަށް ލޯން އެހީގެ ބަދަލުގައި ބިން ދޭން އެދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖަޔަޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ފޮނުވާފައިވާ ސިޓީއެއް ކަމަށް ބުނެ ދައުރު ކުރަމުންދާ ސިޓީ އަކީ އަސްލެއް ނޫން ކަމަށް އިންޑީއާ ހައިކޮމިޝަނުން ބުނެފިއެވެ.
މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީގައި އިންޑިއާ ސަރުކާރުން ވަނީ ސ. ގަމުން އަދި ހ.ދ ހަނިމާދޫގައި 15 ހެކްޓަރު 99 އަހަރަށް ހޯދުމަށް ވަނީ އެދިފައެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ސިފައި ބޭނުން ކުރުމަށް އަން މޭންޑް އޭރިއަލް ވެހިކަލް އަކާއި، އިތުރު ވާސިލަތްތައް ޤާއިމްކޮށްދިނުމުގެ އިތުރުން އިންޑިއަން އެގްޒިމް ބޭންކުން އިތުރުން 550 މިލިއަން ޑޮލަރުގެ ކްރެޑޓް ލައިނެއް ހަމަޖައްސައި ދޭނެ ކަމަށް ސިޓީގައި ވެއެވެ. މީގެ އިތުރުން މިހާރު ސޮއިކޮށްފައިވާ އެއްބަސްވުން އިސްލާހުކުރުމަށް މި ސިޓީގައި ވަނީ ހުށަހަޅާފައެވެ.
We also call upon Maldivian authorities @MoFAmv & @mmc_mv to investigate this incident and take suitable action to prevent such misinformation campaigns.
— India in Maldives (@HCIMaldives) September 7, 2023
މި ސިޓީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މި ސިޓީއާއި ގުޅޭގޮތުން ދިވެހި ސަރުކާރުން އެއްޗެއް ބުނެފައި ނުވެއެވެ. ނަމަވެސް އިންޑިއާގެ ފޮރިން މިނިސްޓްރީން ފޮނުވާފައިވާ ކަމަށް ބުނާ ސިޓީއަކަށް ވުމުން، އިންޑިއާ ހައި ކޮމިޝަނުން ވަނީ ސިޓީ ދޮގުކޮށް ދައުރުކުރަމުންދަނީ ފޭކް ސިޓީއެއް ކަމަށް ބުނެފައެވެ. އަދި މި ބާވަތުގެ އެއްވެސް ލިއެކިއުމެއް ބަދަލު ކުރެވިފައި ނުވާކަން ފާހަގަކޮށް ހައިކޮމިޝަނުން ވަނީ މިކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.
މީގެ އިތުރުން އިންޑީއާ ހައިކޮމިޝަނުން ވަނީ ދިވެހި ރާއްޖޭގެ ކަމާއި ބެހޭ އިދާރާތަކުން މިކަން ބަލައި ތަހުޤީގުކޮށް މިފަދަ ޢަމަލެއް ހިންގި ބަޔަކާއި މެދު ފިޔަވަޅު އެޅޫމަށް ގޮވާލާފައެވެ.
ރިޔާސީ އިންތިހާބަށް ކުޑަތަން ވެފައިވާއިރު، ސަރުކާރާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދަނީ ތަފާތު އެކި ވާހަކަތައް ދައްކަމުންނެވެ. އަދި އިންތިހާބު ދުވަސްވަރު އެކި ހަޤީގަތް ނޭނގޭ ލިއުންތަކެއް އަބަދުވެސް ދައުރު ކުރެއެވެ.