އައްޑޫ ސިޓީގެ އަވަށްތަކުގެ ވެލި މަގުތައް މަރާމާތުކޮށްގެން މިހާތަނަށް އައްޑޫ ސިޓީ ކައުންސިލުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އައްޑޫ ލައިވަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލުން އެދިގެން މަގުތައް ހަދައިގެން 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެއްވެސް ފައިސާއެއް ކައުންސިލުން ދައްކާފައެއް ނުވެއެވެ.މި މައްސަލައާއި ގުޅޭ ގޮތުން ކައުންސިލާއި އެމްއާރްޑީސީ އިން ވަނީ މިދިޔަ ހަފްތާގައި މަޝްވަރާކޮށްފައެވެ.
އެމްއާރްޑީސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކައުންސިލުން މިހާރު ވެސް ފަންސާހަކަށް މަގު މަރާމާތުކޮށް ދޭން އެދިފައިވާ ކަމަށާ ފައިސާގެ މައްސަލަތައް ހުއްޓަސް ރައްޔިތުންނަށް ދަތިވާ ގޮތަށް އެބޭފުޅުން އަމަލު ނުކުރާނެ ކަމަށެވެ.
މިކަމާއި ގުޅޭ ގޮތުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަދި މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް މިއަދު ވިދާޅުވެފައި ވަނީ އެމްއާރްޑީސީ އަށް ފައިސާ ދޫކުރުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއް ކަމަށާއި މަގުތައް މަރާމާތު ކުރަން ދޭ ބަޖެޓް ކައުންސިލަށް ދޫކޮށްދިނުމަށް އެތައް ފަހަރެއްގެ މަތިން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގައި އެދިފައި ވާނެ ކަމަށެވެ.