Last Updated: June 8, 11:47
Monday, June 8, 2026
ޚަބަރު

ފޭދޫ ރަށްދެބައި މަގުގައި ތާރު އަޅައި ނިންމާލައިފި

ފޭދޫގެ ރަށްދެބައި މަގުގައި ތާރު އަޅައި އިއްޔެ ނިންމާލައިފި އެވެ.

މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކުރި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ މެނެޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވިދާޅުވީ، މަސައްކަތް ކުރިން ނިންމަން ތާވަލު ކުރި މުއްދަތަށް ވުރެ ލަހުން މަސައްކަތް ނިމުނަސް، މަސައްކަތް ދިޔަ ގޮތާ ދޭތެރޭ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

ފޭދޫ ސްކޫލާއި ސިއްހި މަރުކަޒު ހުންނަ އަދި ބަނދަރަށް ވެސް ނިކުމެވޭ ގޮތަށް އޮތް ރަށްދެބައި މަގުގައި ތާރު އަޅައި ނިމުމުން އެކަން ފާހަގަކުރަން ފޭދޫގެ ޕީޕީއެމް ސަޕޯޓަރުންތަކެއް ވަނީ އިއްޔެ ބޮނޑިބަތް ކެއުމުގެ ހަރަކާތެއް ވެސް ބާއްވާފައެވެ.

މަގުގެ މަސައްކަތް އިއްޔެ ނިމުމުން، މިއަދު ކުރިއަށް ދާނީ ފޭދޫ ބަނދަރުމަތީގައި ތާރު އެޅުމުގެ މަސައްކަތް ކަމަށް އެމްއާރްޑީސީ އިން މައުލޫމާތު ދެއެވެ. ބަނދަރުމަތީގެ 100 މީޓަރު ސަރަހައްދެއްގައި ތާރު އަޅަން ވަނީ ނިންމާފައި ވާއިރު އޭގެ ބައެއް މަސައްކަތްތައް މީގެ ކުރިން ވަނީ ނިންމައިފަ އެވެ.